Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ހުޅުމީދޫގައި ޑްރަގް މައްސަލަ ވަރަށް ބޮޑު: މުލިމަތި

ވަސީމް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަނީ. ފޮޓޯ/ އައްޑޫ ލައިވް

ހުޅުމީދޫގައި މަސްތުވާތަކެތީގެ މައްސަލަތައް ވަރަށް ބޮޑު ކަމަށާއި އެކަން ހައްލު ކުރަން އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މުލިމަތި ޔުނައިޓެޑް ޖަމިއްޔާ އިން ބުނެފި އެވެ.

އިޖުތީމާއީ ދާއިރާ އިން މަސައްކަތް ކުރާ މުލިމަތިން މިހެން ބުނީ އިއްޔެ ފާހަގަ ކުރި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން ރޭ އެ ޖަމިއްޔާއިން ސ. އަތޮޅު މަދަރުސާގައި ބޭއްވި ޖަލްސާއެއްގަ އެވެ.

މުލިމަތި ޔުނައިޓެޑްގެ ޗެއާޕާސަން އަބްދުﷲ ވަސީމް ވިދާޅުވީ ހުޅުމީދޫގައި މަސްތުވާތަކެތީގެ މައްސަލަތައް އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށެވެ.

އެގޮތުން ގިނަ އަދަދެއްގެ ޒުވާނުން އެ ވަބާގައި ޖެހިފައިވާ އިރު، މިހާރު އެންމެ ކަންބޮޑުވަނީ އުމުރުން ވަރަށް ހަގު ކުދިން ވެސް މަސްތުވާތަކެތި ބޭނުން ކުރަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވަސީމް ވިދާޅުވި އެވެ. ނަމަވެސް ހިތާމައަކީ ސަރުކާރުގެ ކަމާ ބެހޭ ދާއިރާތަކުންނާއި އައްޑު ސިޓީ ކައުންސިލާއި އަދި މުޖުތަމުއުން ވެސް މިކަމަށް ލިބެން ޖެހޭ އެހީތެރިކަމާއި އެއްބާލުރުން ނުލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަން މިހެން ދިމާވުމުގެ ސަބަބުން މަސްތުވާތަކެތީގެ ތެރެއަށް ވަަންނަމުންދާ ޒުވާނުންނާއި ކުޑަ ކުދިން އިތުރުވެ، މަސްތުވާތަކެތީގެ މުުއާމަލާތްތައް އިތުރުވެ އިގުތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާ ކަމަށް ވަސީމް ވިދާޅުވި އެވެ.

އެހެންވެ މަސްތުވާތަކެތީގެ ތެރެއަށް ވަންނަ މީހުން އިތުރުވުމުގެ ނަތީޖާއަކީ އެފަދަ މީހުން ރަނގަޅު ކުރެވޭތޯ ކުރަން ޖެހޭ ހޭދަ ވެސް ބޮޑުވަމުން ދިއުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ވަސީމް ވިދާޅުވީ ހުޅުމީދޫގައި މަސްތުވާތަކެތީގެ ހާލަތު ރަނގަޅު ކުރުމަށް އެ ޖަމިއްޔާ އިން ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ކުރިން އެ ރަށުގައި ހިންގި ޑިޓޮކްސިކިފޭޝަން ސެންޓަރު އަލުން އެ ރަށުގައި ހުޅުވައި، އެތަނުގެ ހިދުމަތް ދެވޭތޯ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވަސީމް ވިދާޅުވި އެވެ.

އެގޮތުން އެންމެ ފަހުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުމީދު އަށް ވަޑައިގަތުމުން ވެސް އެކަން ކުރެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އެދިފައިވާ ކަމަށް ވަސީމް ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން މުލިމަތިން ރޭ ޖަލްސާއެއް ބޭއްވުމުގެ އިތުރަށް "ގްލޯބަލް އެކްޝަން ފޮ ހެލްތީ ކޮމިއުނިޓީސް ވިތައުޓް ޑްރަގް" ޝިއާރުގެ ދަށުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ރަށުގައި ވަނީ ހިންގާފަ އެވެ.

އެގޮތުން ހުޅުމީދޫގެ އެކި ސަރަހައްދުތަކުގައި އިންފޮމޭޝަން ޑެސްްކްތައް ބަހައްޓައިގެން މައުލޫމާތު ދިނުމުގެ އިތުރަށް، ލީފްލެޓް ވެސް ބަހާފައިވެ އެވެ.

މުލިމަތިން އިއްޔެ ހިންގި ހަރަކާތްތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ޖާނީގެ އެއް ފައުންޑާ މެމްބަރު ކަމަށްވާ އައިޝަތު ލިޒިއަން އާއި ކުރިން ޑްރަގް ބޭނުންކޮށް މިހާރު އެކަމުން ސަލާމަތްވެ ޖާނީގައި މަސައްކަތް ކުރާ މުހައްމަދު ފަޒީން ވެސް ބައިވެރިވި އެވެ.

ރޭގެ ޖަލްސާގައި އެ ދެ ބޭފުޅުން ވެސް ވާހަކަ ދެެއްކެވި އެވެ.