Last Updated: July 6, 09:58
Monday, July 6, 2026
ޚަބަރު

ޝަހީބާއި ޒައިނާގެ މައްސަލަ އަނެއްކާވެސް ކޮމެޓީ އަށް

ބްރޯޑްކޮމްގެ ރައީސް، މުހައްމަދު ޝަހީބް: ފޮޓޯ - މިހާރު

ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒައިނާގެ މައްސަލަ، އަނބުރާ މިނިވަން މުއައްސާތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާލައިފިއެވެ.

މިގޮތަށް ނިންމެވީ މިހާރު މަޖިލީހުން އަމަލު ކުރަމުންދާ ގަވާއިދުގައި ބުނާ ގޮތަށް އަމަލު ކުރުމުގެ ގޮތުންނެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮމެޓީގެ މަސައްކަތް ނިންމާފައިވަނީ ކުރީގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

އަދި އެއީ މިހާރުވެސް ކޮމިޓީން ވަކިގޮތެއް ނިންމާފައިވާ މައްސަލައެއް ކަމުން އެކަމާ ގުޅޭ ކޮމިޓީ ރިޕޯޓު މިރޭ ފޮނުވިޔަސް މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކުރާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޝަހީބާއި ޒައިނާ ވަކިކުރަން ކޮމިޓީއަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީ އަށް ހާޒިރުވެ ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ޝަހީބު އާއި ޒައިނާ މަގާމުން ވަކިކުރަން ކޮމިޓީން ފާސްކުރި ނަމަވެސް، މި މައްސަލައާ މެދު އެންމެފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

ބްރޯޑްކޮމްގެ ދެ މެންބަރަކު ވަކިކުރަން ކޮމިޓީން ފާސްކުރިއިރު މީގެކުރިން އެ ކޮމިޝަނުގައި ތިއްބެވި ދެ މެމްބަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން އާއި ހަސަން ނަބާހުއެވެ.