Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

މުޅި ރާއްޖެ ސާފުކުރުމަށް ސަރުކާރުން ތެދުވެއްޖެ

ހިތަދޫ ކުނި ކޮށްޓަށް ކުނި ޖަމާކޮށްފައި. ކުނި ނައްތާލުމުގެ ބިޔަ މަޝްރޫއުއެއް ފެށުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުން. ފޮޓޯ: އައްޑޫލައިވް

ނ. އަތޮޅު މަގޫދޫން ކުނި ބޭރުނުކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެ ރަށުގައި ބަލިމަޑުކަމެއް ފެތުރިފައިވާ ދަނޑިވަޅެއްގައި މުޅި ރާއްޖެ ސާފުކުރަން ސަރުކާރުން ބޮޑު މަޝްރޫއެއް ފަށަން ތައްޔާރުވެއްޖެއެވެ.

ތިމާވެއްޓާ ބެހޭ ވަޒީރު ޑރ. ހުސެން ރަޝީދު ހަސަން މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުން އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ކުނީގެ މައްސަލަ ބޮޑު މައްސަލައަކަށް ވެގެންގޮސްފައިވާ ކަމަށެވެ.

ސަރުކާރުން ވަނީ މިމައްސަލައަށް ހައްލެއް ގެނައުމަށް ފިޔަވަޅު އަޅާފައި ކަމަށާއި ކުނި ނެގުމުގެ ބޮޑު މަޝްރޫއު ބިޑަށް ލުމަށް މިހާރު ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބިޑުތައް އިއުލާން ކުރުމުން ކޮންމެ އަތޮޅެއްގައި ވެސް ހުރި ކުނި ބޭރު ނަގާ ބޭރުކޮށް ރަށް ސާފުތާހިރު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ޑރ. ހުސެން ވިދާޅުވިއެވެ.

އަދި މިމަޝްރޫއު ނިމުން ސަރުކާރުގެ އަމާޒު ހުރީ ރަށު ކައުންސިލްތަކާ ގުޅިގެން ރަށްތަކުގައި ކުނި ނުނެގި ހުރުން ނިމުމަކަށް ގެނެސް ދާއިމީ ގޮތެއްގައި ރާއްޖެ ސާފު ގައުމެއްގެ ގޮތުގައި ބޭއްވުމަށް ފިޔަވަޅުތައް އެޅުމަށް ކަމަށް ވަޒީރު މަޖިލީހުގައި ވިދާޅުވިއެވެ.

އަދި މިކަމަށް ކައުންސިލްތަކަށް އެއްބާރުލުންދީ މަޖިލީހުން ކަނޑައަޅާ ފައިސާގެ އަދަދު އިތުރު ކޮށްދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.