Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

ޖަމީލް ވަނީ ޕާޓީގެ ސުލޫކުތަކާ ޚިލާފުވެފަ: ޖޭޕީ

ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ޕާޓީގެ ސުލޫކުތަކާއި ޚިލާފުވެފައި ކަމަށް ޖުމުހޫރީ ޕާޓީން ބުނެފިވެއެވެ.

ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް މިއަދު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑރ. ޖަމީލް ކުރީގެ ރައީސް ޔާމީނާއެކު އދ. އަތޮޅަށް ކުރެއްވި ދަތުރަކީ އެޕާޓީއަށް އެނގިގެން ކުރި ދަތުރެއް ނޫން ކަމަށެވެ. އަދި ޖަމީލްގެ އަމަލުތައް ހުރި ގޮތުން އޭނާއާ މެދު ފިޔަވަޅު އަޅައިދިނުމަށް ޕާޓީގެ ކައުންސިލް މެމްބަރުން އެދެމުން އަންނަ ކަމަށް ވެސް އަލީ ވިދާޅުވެފައިވެއެވެ.

ޕީޕީއެމް އަލުން ވަރުގަދަ ކުރުމަށް އެހީތެރިވާން ބޭނުން ކަމަށް މީގެ ކުރިން ޖަމީލް ވިދާޅުވެފައިވާއިރު އޭނާ ވަނީ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމާއި ވެސް ގުޅިވަޑައިގެންފައެވެ. ނަމަވެސް ފާއިތުވެދިޔަ ޔާމީންގެ ޝަރީއަތްތަކުގައި ވަކީލެއްގެ ހައިސިއްޔަތުން ޖަމީލް ބައިވެރިވެފައެއް ނުވެއެވެ.

ޕާޓީގެ އުސޫލުތަކާއި ޚިލާފުވެފައިވި ނަމަވެސް އަދި ޖަމީލާ ދޭތެރޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެޕާޓީން ބުނެއެވެ.