ފޭދޫ ބޮޑު މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަށް ހަދައި ގާތްގަޑަކަށް ނިމިފައިވާ އިރު އެމަގުގެ ދެ ފަޅީގައި ބައްތި ޖެހުމަށް ކައުންސިލުން ކުރި ފުރަތަމަ އިއްލާނަށް އެދެވޭ އިޖާބެއް ނުލިބިގެން ދެވަނަ ފަހަރަށް އިއްލާން ކޮށްފިއެވެ.
ފޭދޫ ބޮޑުމަގުގެ އެއްފަޅީގައި ބައްތި ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް މަގުގެ ދެ ފަޅީގައި ބައްތި ޖެހުމަށްޓަކައި ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދު މަސައްކަތް ހުއްޓުވި ހިސާބުން އެ މަސައްކަތް ނުކުރެވި ދިގުލައިގެން ދިއުމާއި ގުޅިގެން ކައުންސިލުން ވަނީ މަގު ހަދައި ނިމުމުން މަގުގެ ދެ ފަޅީގައި ބައްތި ޖެހުމަށް ނިންމާފައެވެ.
މަރަދޫ، މަރަދޫ ފޭދޫގެ ބޮޑު މަގުގެ އެއް ފަޅީގައި ބައްތި ޖަހައި މިހާރު ދިއްލަން ފަށާފައިވާ އިރު ފޭދޫ ބޮޑުމަގުގެ ދެފަޅީގައި ދެން ބައްތި ޖެހޭނީ އައިސީސީން އަޅާފައިވާ ޕެވްމަންޓް ގާ ނެގުމަށް ފަހު އެ ސަރަހައްދު ކޮނެގެންނެވެ. އަދި އެމަަސައްކަތަކީ ބުރަ ބިޔަ މަސައްކަތެއް ކަމަށް ވެއެވެ.
ކައުންސިލުން ނެރުނު އިއްލާނެއްގައި ބުނެފައިވަނީ ބައްތި ޖެހުމުގެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރި އިޢުލާނަށް އެކަށީގެން ވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށްފައިވާ ކަމަށެވެ.
އަދި 04 ޖުލައި 2013 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތަކުން ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ޖުލައި 2013 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށެވެ.
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައިގަތުމުގެ ސެޝަނުގައި ބައިވެރި ނުވެވޭނެކަމަށް ކައުންސިލުން ބުނެއެވެ.
ފޭދޫ ބޮޑު މަގުގައި ބައްތި ނުޖަހައި މަސައްކަތް ނިންމުމާއި ގުޅުގެން އެރަށުގެ ބަޔަކު ވަނީ ކައުންސިލަރު މިރުޒާދު އާއި ބައްދަލުކޮށް ނުރުހުން ފާޅުކޮށްފައެވެ.