Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައިވާތާ 6 ގަޑިއިރު، ވާނުވާއެއް ނޭގޭ!

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައިވާތާ 6 ގަޑި އިރު ވެފައިވާ އިރު މައްސަލައަށް ހައްލެއް ނުލިބި ކަމުގެ ހަގީގީ މައުލޫމާތު ނުލިބޭތީ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

މިއަދު ހަވީރު 5 އިން ފެށިގެން ކަރަންޓު ކެނޑިފައިވާއިރު ފެނަކައިން ފުރަތަމަ ބުނެފައިވަނީ ކަރަންޓު ކެނޑުނީ ޓްރާންސްފޯމަރަކަށް މައްސަލަ ޖެހިގެން ކަމަށެވެ. ނަމަވެސް އޭގެ ބައި ގަނޑިއިރު ފަހުން ކަރަންޓު ލިބުމަށްފަހު ދެތިން މިނިޓް ފަހުން އަނެއްކާވެސް ވަނީ ގުޅިފައިވާ ރަށްތަކުން އެއްކޮށް ކަރަންޓު ކެނޑިފައެވެ.

އޭގެ ފަހުން ހަތަރު ފަހަރެެއްގެ މަތިން ފެނަކައިން ކަރަންޓު ދިން ނަމަވެސް މަދު މިނިޓުކޮޅެއްގެ ތެރޭގައި ކަރަންޓު ވަނީ ކެނޑެއެވެ.

ކަރަންޓު ކެނޑޭ މައްސަލަ އާއި ގުޅިގެން ފެނަކައިން އަދި މިހާތަނަށް ރަސްމީ އެއްވެސް ވާހަކައެއް ހިއްސާ ނުކުރެއެވެ. އެކަމާއި ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ހިއްސާ ކުރަމުންނެވެ.

ކަރަންޓު ކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ބަޔަކު އުއްބައްތި ހޯދަމުން އަންނަ އިރު ބައެއް ރަށްތަކުން މިހާރު އުއްބައްތިި ވަނީ ހުސްވެފައެވެ. އަދި މިރޭ ކަރަންޓު ލިބޭނެ ކަމުގެ އުއްމީދެއް އޮތްތޯ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.