Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

"ހަތަރު ހަޅަ" އިގެ މަސައްކަތް ފަށައިފި

"ހަތަރު ހަޅަ"އިގެ އެއް ޑައިރެކްޓަރު ރަވީ: ފިލްމްގެ މަަސައްކަތް ޖުލައިގެ ނިޔަލަށް ނިންމަން ޖެހޭ.

ތަފާތު ހަތަރު ޑައިރެކްޓަރެއްގެ ކުރު ފިލްމްތަކެއް ހިމެނޭ ރާއްޖޭގެ ފުރަތަމަ އެންތޮލޮޖީ ފިލްމް "ހަތަރު ހަޅަ" އިގެ މަސައްކަތް ފަށައިފި އެވެ.

ކާމިޔާބް ފިލްމް "ލޫދިފާ" ގެ ޑައިރެކްޓަރު މޫމިން ފުއާދުގެ ބޭބެ މުހައްމަދު ފުއާދު ޕްރޮޑިއުސް ކުރާ "ހަތަރު ހަޅަ" އިގައި ހިނެމޭ ހަތަރު ފިލްމް ޑައިރެކްޓް ކުރަނީ ވަނީ މޫމިންގެ އިތުރުން ދާދި ފަހުން ރިލީޒް ކުރި "އިނގިލި" ގެ ޑައިރެކްޓަރު ރަވީ ފާރޫގް އާއި "ޖިންނި" އާއި ހިމޭން ދުނިޔެ" ފަދަ ފިލްމްތައް ހަދާފައިވާ އަބްދުލް ފައްތާހުގެ އިތުރުން "ފަތިސް ހަނދުވަރުގެ ފެށުން" ގެ ޑައިރެކްޓަރު އަލީ ޝިފާއު އެވެ.

އަންނަ ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމަން ހަމަޖެހިފައިވާ "ހަތަރު ހަޅަ" އިގެ ފިލްމްތައް ހެދުމަށް ކޮންމެ ޑައިރެކްޓަރަކަށް ވަނީ 45،000ރ. ވެސް ދީފަ އެވެ. އަދި ފިލްމް ފައްތަން ޖެހެނީ 27 މިނިޓަށެވެ.

މި ފިލްމްގައި ހިމެނޭ ހަތަރު ވާހަކައިގެ ތެރެއިން ތިން ވާހަކަައިގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ ކާމިޔާބް ސްކްރީންރައިޓަރު މަހުދީ އަހުމަދު އެވެ. އަދި އޭނާ އާ އެކު ކޯ ރައިޓާއެއްގެ ގޮތުން ހަސަން ޒަރީރު ބައިވެރިވެ އެވެ.

އަނެއް ކުރު ފިލްމްގެ ސްކްރީންޕްލޭ ތައްޔާރު ކުރަނީ މުއުމިން ފުއާދު އަމިއްލައަށެވެ.
އެހެން ނަމަވެސް ހަތަރު ފިލްމް ވެސް ބިނާކޮށްފައި ވަނީ ތްރިލާ ޖޯންރާއަށެވެ. އަދި ހަތަރު ފިލްމްގައި ވެސް ހިމެނޭނީ ތަފާތު ތަރިންނެވެ. އެގޮތުން ގިނަ އަދަދެއްގެ އާ ތަރިން "ހަތަރު ހަޅަ" އިން ތައާރަފްވެގެން ދާނެ ކަމުގެ ޔަގީންކަން ޑައިރެކްޓަރުން ވަނީ ދީފަ އެވެ.

ރާއްޖޭގައި އަލަށް އެންތޮލޮޖީ ފިލްމެެއް ހެދި ނަމަވެސް ބޮލީވުޑާއި ހޮލީވުޑްގައި މިފަދަ ފިލްްމްތައް ހެދުމަކީ އާންމު ކަމެކެވެ.

އެގޮތުން އިންޑިއާގެ ސިނަމާއަށް 100 އަހަރު ފުރުމާ ދިމާކޮށް ހަތަރު ޑައިރެކްޓަރަކުވެގެން ހެދި "ބޮމްބޭ ޓޮލްކީސް" އަކީ އެންތޮލޮޖީ ފިލްމެކެވެ.
މީގެ އިތުރުން "ދަސް ކަހާނިއާ" އާއި "ސަލާމޭ އިޝްގް" ފަދަ ފިލްމްތަކަކީ ވެސް އެންތޮލޮޖީ ފިލްމްތަކެވެ.

ހޮލީވުޑްގެ "ފޯ ރޫމްސް"، "20 ބަކްސް" އަދި "ކޮފީ އެންޑް ސިނގިރެޓްސް" އަކީ ވެސް ހަމަ މިފަދަ ފިލްމްތަކެވެ.