Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ހޮނިހިރު ދުވަހު 7 ގަޑިއިރަށް ކަރަންޓު ކަނޑާލަނީ

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުން އަންނަ ކޭބަލް ނެޓްވޯކުގެ މަރާމާތަކަށް އަންނަ ހޮނިހިރު ދުވަހު ހަތް ގަޑި އިރަށް ކަރަންޓު ކަނޑާލަން ފެނަކަ ކޯޕަރޭޝަންއިން ނިންމައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ގޭގެއަށް ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވަނީ ކޭބަލް ނެޓްވޯކުގެ މަރާމާތަކަށް ސެޕްޓެމްބަރ 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން ހަވީރު 4 ޖެހުމާއި ހަމައަށް 7 ގަޑިއިރަށް ކަަރަންޓު ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ކަނޑައެޅިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވިއްޖެނަމަ 7 ގަޑި އިރުވުމުގެ ކުރިންވެސް ކަރަންޓު ފޯރު ކޮށްދެވިދާނެކަމަށް ނޯޓިސްގައިވެއެވެ.

އައްޑޫ މަރުކަޒީ އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ޖެހި މިދިޔަ އާދީއްތަ ދުވަހުގެ ހަވީރުން ފެށިގެން ދަންވަރު 1 ޖެހުމާއި ހަމައަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދިމާވެފައެވެ. އަދި ބައެއް ރައްޔިތުންގެ އަގުބޮޑު އިލެކްޓްރޯނިކް ސާމާން ވަނީ ހަލާކުވެފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލައަކީ ފާއިތުވި ތިން ސަރުކާރަށްވެސް ހައްލު ހޯދައި ނުދެވިވާ މައްސަލައެކެވެ.