Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

"އަންދާ ގާނޫނު" އަލުން ހަދަނީ

"ޒަންޖީރު" ގެ ރިމެކިންގެ ޕޯސްޓަރެއް: އަމީތާބްގެ އިތުރު ދެ ފިލްމެއްގެ ރިމެކިން ހަދަން ވަނީ ނިންމާފައި.

ފަހަކަށް އައިސް އަމީތާބްގެ ކުރީގެ ފިލްމްތައް އަލުން ހެދުމަކީ ވައިގައި ހިފާފައި އޮތް ކަމެކެވެ.

އެގޮތުން އަމީތާބްގެ "ޑޮން" އަލުން ޝާހްރުކާ ހާނާ އެކު އުފައްދައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އިރު އޭނާގެ "ޒަންޖީރު" ވެސް އަލުން އުފައްދައި މިހާރު އޮތީ ސިނަމާ އަށް އައުމުގެ މަރުހަލާގަ އެވެ. އެ ފިލްމްގައި ލީޑް ރޯލް ކުޅެނީ ސައުތު އެކްޓަރު ރާމް ޗަރަން ތޭޖާ އާއި ޕްރިޔަންކާ ޗޯޕްޅާ އެވެ.

މި ލިސްޓަށް އިތުރުވި އަނެއް ފިލްމަކީ 1983 ވަނަ އަހަރު ރިލީޒްވި އަމީތާބްގެ "އަންދާ ގާނޫނު" އެވެ. އެ ފިލްމްގެ ރިމެކިންއެއް ހެދުމަށްޓަަކައި ޕެން އިންޑިއާ ޕްރައިވެޓް ލިމިޓެޑްގެ ޗީފް މެެނެޖިން ޑިރެކްޓަރު ޖަޔަންތީލާލް ގާޑާ ވަނީ އެ ފިލްމްގެ ރައިޓްސް ގަނެފަ އެވެ.

އަމީތާބްގެ އިތުރުން ރަޖްނީކާންތު ހެމާ މާލިނީ، ރީނާ ރޯއި އަދި ޕްރާން މުހިއްމު ރޯލްތައް ކުޅެފައިވާ "އަންދާ ގާނޫނު" އަލުން ހަދަން ނިންމި ނަމަވެސް ފިލްމްގެ ކާސްޓް އަދި ހާމައެއް ނުކުރެ އެވެ.
އެކަމަކު ފިލްމްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

"އަންދާ ގާނޫނު" ގެ އިތުރުން އަމީތާބް ލީޑް ރޯލް ކުޅެފައިވާ 1986 ވަނަ އަހަރުގެ "އާހިރީ ރާސްތާ" ގެ ރައިޓްސް ވެސް ގާޑާ ވަނި ގެނެފަ އެވެ.
އެ ފިލްމުގައި އަމީތާބްގެ އިތުރުން ޖާޔާ ބައްޗަން އަދި ސްރީ ދޭވީ މުހިއްމު ރޯލްތައް ކުޅެފައިވެ އެވެ.