ސުނާމީގައި ލ. ގަމަށް ބަދަލުވި ލ. މުންޑޫއާއި، ލ. ކަޅައިދޫން ލ. ގަމަށް ދިރިއުޅުން ބަދަލުކުރި މީހުންގެ ތެރެއިން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީގައި އިމާރާތް ކޮށްފައިވާ ގެތަކުގެ ތެރެއިން އެއް އާއިލާއަކަށް ދެ ގެ ދިނުމަށް ކޮށްފައިވާ ހުކުމެއް ހައިކޯޓުން ބާތިލް ކޮށްފިއެވެ.
މި ގޮތަށް ހުކުމް ކޮށްފައިވަނީ ލ. މެޖިސްޓްރޭޓު ކޯޓުންނެވެ. އެކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ލ. މުންޑޫއާއި، ލ. ކަޅައިދޫން ލ. ގަމަށް ދިރިއުޅުން ބަދަލުކުރުމަށްއެދޭ ފަރާތްތަކަށް ބޯހިޔާވަހިކަން ދިނުމަށް ފްރެންޗް ރެޑްކުރޮސްއިން އަޅުއްވާ ދެއްވާފައިވާ ގެތައް ދޫކުރެއްވުމުގައި އެންމެފަހުން ބޭނުންކުރަށްވާފައިވާ އުޞޫލާ ޚިލާފަށް، ސުނާމީގައި ގެއްލުން ލިބުނު ޢަބްދުލްޤާދިރު ނަމަކަށް ކިޔާ މީހެއްގެ އާއިލާގައި މިހާރު ދުނިޔޭގައިތިބި އެގެއިން ބޯހިޔާވަހިކަން ހޯދައިގެން ދިރިއުޅެމުންގެންދާ 14 މީހުން ތިއްބާ އެމީހުންނަށް ފުރިހަމަ ބޯހިޔާވަހިކަން ލިބިނުދީ އެހުރިހާ މީހުން ދިރިއުޅުމަށް އެންމެ ގެއެއް ދިނުމުން މިމީހުންނަށް ބޯހިޔާވަހިކަން އެންމެ ކުޑަމިނުންވެސް ލިބޭނީ އެންމެ މަދުވެގެންވެސް އެތަނުން 02 ގެ ލިބިގެންކަމަށެވެ.
އެކޯޓުން ހުކުމް ކުރީ ފްރަންޗް ރެޑްކްރޮސްއިން ލ. ގަމުގައި އިމާރާތް ކޮށްފައިވާ ގެތަކުގެ ތެރެއިން އެއް އާއިލާއަކަށް ދެ ގެ ދިނުމަށެވެ. އެ ކޯޓުން ކޮށްފައިވާ ހުކުމްގައި އިތުރަށް ބުނެފައިވަނީ 2004 ޑިސެމްބަރު 26 ގައި ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ލ.ކަޅައިދޫ އާއި ލ. މުންޑޫ އިން ލ. ގަމަށް ބަދަލުވި ފަރާތްތަކަށް އެފް.އާރު.ސީގެ ފަރާތުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އަޅާފައިވާ ގެތަށް ދޫކުރުމުގައި އެއްގެ ދޫކުރާނެ އުސޫލުތަކަކާއި، އެއްގެއަށްވުރެ ގިނަ ގެ ދޫކުރުމުގައި ޢަމަލުކުރާނޭ އުސޫލެއް ބަޔާންކޮށްފައި އޮތްކަމާއި، އެ އުސޫލުގައި އެއްގެއަށްވުރެ އިތުރު ގެއެއް ލިބުމުގައި ބަލާނެ މިންގަނޑުތަކެއްވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
އެކޯޓުން ބުނީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ 2 ގެ ލިބުމުގެ ޝަރުޠުތަކުގެ ތެރެއިން އެންމެހައި ޝަރުޠުތައް ލ.ގަން ހިއްވަރުގޭގައި ހަމަވާކަން، ހުށަހެޅިފައިވާ ލިޔުންތަކާއި ދައުލަތުގެ އިދާރާތަކުން ސާފުކޮށްފައިވާ މަޢުލޫމާތު ތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ޝަރީޢަތަށް ސާބިތުވާތީ، ލ. ގަން ހިއްވަރުގޭ ޢަބްދުލްޤާދިރުގެ އާއިލާއަކީ ދިރިއުޅުމަށްޓަކައި ދެ ގެ ޙައްޤުވާ ފަރާތެއްކަމުގައި ކަނޑައަޅައި، ލ. ގަން ހިއްވަރު ގޭގައި ދިރިއުޅޭ ފަރާތްތަކުގެ ބޯހިޔާވަހިކަން ހަމަޖެއްސުމަށްޓަކައި، މިއަދުން ފެށިގެން 10 ދުވަސް ތެރޭގައި ލ. ގަމުގައި ސުނާމީ ކާރިސާއާ ގުޅިގެން އަޅާފައިވާ ގެތަކުން މިހާރު ޢަބްދުލްޤާދިރަށް ލިބިފައިވާ ގޭގެ އިތުރަށް ގެއެއް ލ.ގަން ހިއްވަރުގޭ ޢަބްދުލްޤާދިރާ ޙަވާލުކުރުމަށް ހުމުކް ކުރާ ކަމަށެވެ.
ނަމަވެސް މި މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ދައުލަތުން ވަނީ ގިނަ ނުކުތާތަކެއް މި މައްސަލާގައި ހިމަނާފައެވެ. އެގޮތުން 6 ޑިސެމްބަރ 2004 ގެ ސުނާމީ ކާރިޘާގައި ގެދޮރުގެއްލިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑްކްރެސެންޓް ސޮސައިޓީގެ ފަރާތުން ދިވެހިރާއްޖޭގައި ދާއިމީ ހިޔާވަހިކަން ފޯރު ކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން "ގެ ލިބޭ މީހުން ފާހަގަކުރުމަށް ގެންގުޅޭ މިންގަނޑު" ގައި ވަކި އުސޫލުތަކެއް ބަޔާން ކޮށްފައި ވަނިކޮށް އެ އުސޫލުތަކާއި ހިލާފަށް ލ. ގަމު މެޖިސްޓްރޭޓު ކޯޓުން ހުކުމް ކޮށްފައިވާކަން ދައުލަތުން ފާހަގަކުރިއެވެ.
ދައުލަތުން ފާހަގަކުރި ގިނަ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ 6 ޑިސެމްބަރ 2004 ގެ ސުނާމީ
ކާރިޘާގައި ގެދޮރުގެއްލިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑްކްރެސެންޓް ސޮސައިޓީގެ ފަރާތުން ދިވެހިރާއްޖޭގައި ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން "ގެ ލިބޭ މީހުން ފާހަގަކުރުމަށް ގެންގުޅޭ މިންގަނޑު"ގައި ކަނޑައަޅާފައިވާ ޝަރުޠުތަކާއި ޚިލާފަށްކަމަށް ކަނޑައަޅައި، ހައްދުންމަތީ ގަމުމެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލު ކުރާ ކަމަށެވެ.