Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ޗެނަލް13 އިން ޕީއެސްއެމްއަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިއްޖެ

ޕީއެސްއެމްގެ ޓީވީ ޗެނަލްތައް ހިންގާ އިމާރާތް ޓީވީ ބިލްޑިންގ -- ފޮޓޯ / މިހާރު

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް އަމިއްލަ ޓީވީ ޗެނަލެއް ކަމަށް "ޗެނަލް 13"އިން އެއްފަހަރާ ދައްކަން ޖެހޭ ހަތްލައްކައަށް ވުރެ ގިނަ ރުފިޔާ މަހުން މަހަށް ބަހާލައިގެން ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ.

"ޗެނަލް 13"އިން ޕީއެސްއެމްއަށް އެހާ ގިނަ އަދަދެއްގެ ފައިސާ ދޭން ޖެހިފައިވަނީ ޗެނަލް 13ގެ ސެޓެލައިޓު ބޭންޑު ވިތު އެޕްސްޓަރ އަޕްލިންކު ކުރުމަށް 2017 ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުގައި ވެވުނު އެއްބަސްވުމުގައި ވެވުނު އެއްބަސްވުމުގެ ދަށުން ޓެކްނިކަލް ސެޓަޕް ހަދައި ދިނުމުގެ އަގަށް ދައްކަންޖެހޭ ފައިސާއެވެ.

އެ ފައިސާގެ ޖުމްލަ އަދަދުތަކަކީ 23،625 ޔޫއެސް ޑޮލަރާއި އެގްރީމަންޓުގައި ސޮއިކުރެވުނު ތާރީހުން ފެށިގެން މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ 7،416.50 ޔޫއެސް ޑޮލަރުގެ ތެރެއިން މިހާތަނަށް ދައްކަން ޖެހޭ ޖުމްލަ 46،861.50 ޔޫއެސް ޑޮލަރު (ހަތްލައްކަ ބާވީސް ހާސް ހަސަތޭކަ ހަތަރު ރުފިޔާ ތިރީސް ހަ ލާރި)އެވެ.

ސިވިލް ކޯޓުގައި ޕީއެސްއެމްއިން ދައުވާ ކުރީ އެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށެވެ. އަދި ޗެނަލް 13ގެ ފަރާތުން ވަނީ އެކަން އެގޮތަށް ހިނގާފައިވާ ކަމާއި އެ ފައިސާއަކީ ޕީއެސްއެމްއަށް ދޭންޖެހޭ ފައިސާއެއްކަން ޝަރީއަތުގައި އެއްބަސްވެފައެވެ. ކޯޓުން ހުކުމް ކުރީ އެ ފައިސާ ހުކުމް ކުރި ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށެވެ. ނަމަވެސް ޗެނަލް 13 ހިންގަމުން އަންނަ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ވަނީ ކޮންމެ މަހަކު އެމަހަކަށް ދައްކަންޖެހޭ މިންވަރު ދައްކަމުން ގޮސް މައްސަލަ ނިންމުމުގެ ފުރުސަތަކަށް ކޯޓުގައި އެދިފައެވެ. އަދި ދައުވާ ކުރާ ޕީއެސްއެމްއިން ވަނީ އެކަން އެގޮތަށް ކުރުމުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ޝަރީއަތުގައި ބުނެފައެވެ.

އެހެންކަމުން ސިވިލް ކޯޓުން ހުކުމް ކުރީ ޕީއެސްއެމްއަށް ދައްކަންޖެހޭ ހަތްލައްކައަށްވުރެ ގިނަ ރުފިޔާ ފަސް މަަސް ދުވަހުގެ ތެރޭގައި ކޯޓަށް ދައްކާ ހަލާސް ކުރުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީއެސްއެމްގެ އޭރުގެ މެނޭޖުމަންޓުން ވަނީ ޗެނަލް 13އަށް ގިނަ އެހީތެރިކަމެއް ފޯރު ކޮށްދީފައެވެ. އެގޮތުން އެ ޗެނަލްގެ ބައެއް ޕްރޮގްރާމުތައް ނެގުމަށްޓަކައި ޕީއެސްއެމްގެ ބައެއް އިކިއުޕްމަންޓުތަކާއި މުވައްޒަފުންވެސް ވަނީ ޗެނަލް 13އަށް ފޮނުވާފައެވެ.