ހުރަވީ ބިލްޑިންގ ސަރަހައްދުގައި ޕާކު ކޮށްފައިވާ އިން ސައިކަލެއް ޕާކު ކޮށްފައި އިން ތަން ނޫން އެހެން ތަނަކަށް ފުލުހުން ގެންދިއުމާއި ގުޅިގެން، ސައިކަލު ގެއްލިފައިވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ސައިކަލުގެ ފުރިހަމަ އަގު ހޯދަން ކޯޓުގައި މީހަކު ދައުވާ ކޮށްފިއެވެ.
އޭނާ ބުނީ ސައިކަލު ޕާކު ކޮށްފައި ވަނިކޮށް އެ ސައިކަލު އެހެން ތަނަކަށް ފުލުހުން ގެންދިޔައީ ގާނޫނާއި ހިލާފަށް ކަމަށެވެ.
ސިވިލް ކޯޓުގެ ސައިކަލުގެ ވެރި ފަރާތުން ފުލުހުންނާއި ދެކޮޅަށް ދައުވާ ކުރިއެވެ. އަދި އެ ދައުވާގައި ބުނެފައިވަނީ އޭނާ ސައިކަލު ގަތް ބްރަދާސް މޮޓޯސްއާ އެކުގައި ވެފައިވާ އެއްބަސްވުމުގައިވާ އަގު ކަމަށްވާ 82،002.50 ރުފިޔާ ބަދަލެއްގެ ގޮތުގައި ބޭނުންވާ ކަމަށެވެ. އަދި ސިވިލް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އެފައިސާ ދެއްކުމަށްވެސް ހުކުމް ކޮށްފައެވެ. ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ސައިކަލުގެ ބަދަލުގެ ގޮތުގައި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، 82،002.50 ރުފިޔާ ހުކުމް ކުރި ތާރީހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.
ފުލުހުންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަލާގައި ފުލުހުންގެ ފަރާތުން ވަކާލާތު ކޮށްފައިވަނީ ބަންޑާރަ ނާއިބުގެ އޮފީހުގެ ފަރާތުންނެވެ. ބަންޑާރަ ނާއިބުގެ ފަރާތުން އެ މައްސަލާގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާއިރު ލިބިދެވޭ ބަދަލުގެ މިންވަރަކީ ގެއްލުމުގެ މިންވަރަށްވުރެ ކުޑަނޫން އަދި ލިބުނު ގެއްލުމަށްވުރެ ބޮޑުނޫން" ބަދަލަކަށް ވާންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އަދި އެ ދުވަހު އެ ސައިކަލު ޕާކު ކޮށްފައިވާ ތަނުން ނެގީ ބޭރު ގައުމެއްގެ އިސް ވެރިއަކު ރާއްޖެ ވަޑައިގަންނަވާތީކަން ވަނީ ފާހަގަކޮށްފައެވެ. އަދި ސައިކަލު ގެއްލުނުކަން ފުލުހުންނަށް އެންގީ ސައިކަލު ޕާކު ކޮށްފައިވާ ތަނުން ނެގިތާ 9 ދުވަސް ފަހުން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ އެ ސައިކަލު އެދުވަހު ޕާކު ކޮށްފައިވާ ތަނަކީ ޕާކު ކުރުން މަނާ ތަނެއްގެ ގޮތުގައި ކަމެވެ. އަދި ފުލުހުން އެ ސައިކަލުގައި ޕާކިން ސްޓިކާވެސް ޖަހާފައިވާ ކަމަށާއި އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އެދުވަހު ސައިކަލު އެހެން ތަނަކަށް ބަދަލުކުރީ ކަމަށްވެސް ހައިކޯޓުގައި ބަންޑާރަ ނާއިބުގެ ފަރާތުން މި މައްސަލާގައި ފާހަގަކުރި ނުކުތާތަކުގެ ތެރޭގައި ވެއެވެ.
މި ހުރިހާ ކަމަކަށް ބެލުމަށްފަހު ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.