Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

"އިސްލާހުގެ ސަބަބުން އިސްލާމީ ޝިއާރު ފާޅުކުރަން ހުރަސް އެޅޭނެ"

އާދަމް ޝަރީފް - ފޮޓޯ: މަޖިލިސް

ސަރުކާރުން ޓެރަރިޒަމްގެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުގެ ސަބަބުން ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅު ކުރުމަށް ހުރަސް އެޅޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހު މަޖިލީހަށް ހުށަހަޅާފައިވާއިރު އެ މައްސަލާގައި ވަނީ މަޖިލީސް ޗުއްޓީގައި އޮއްވާ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފައެވެ. ޓެރަރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާޙަށް ފާޑު ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދާ މައްސަލަތަކުގައި ސަރުކާރުން މިހާރު ގެންގުޅެނީ ރާއްޖެ ބަދުނާމުވާނެ ސިޔާސަތުތަކެއް ކަމަށެވެ.

"ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ހުށައަޅާފައިވާ ބައެއް އިސްލާހުތަކުގެ ސަބަބުން ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅު ކުރުމަށް ހުރަސް އެޅޭނެ. މިކަމާ އިންތިހާއަށް ކަންބޮޑުވޭ،" ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލެއް ފާޅުކުރި މީހަކީ ވެސް ކުށެއް ކަމަށް ކަނޑައަޅައިފަ އެވެ.

ބިލްގައިވާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތައް މަދުވެގެން ކޮންމެ 12 މަހަކުން އެއް ފަހަރު މުރާޖައާ ކުރަން ވާނެ ކަމަށް ބިލްގައިވެ އެވެ. މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ބިލްގައި ލާޒިމް ކުރެ އެވެ.

ބިލްގައި ބުނެފައި ވަނީ އެ ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު ދައުލަތުގެ ކަމާބެހޭ އިދާރާއަކާ އެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާ ނުކުރުމަކީ ކުށެއް ކަމަށެވެ.

އަދި އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެއިތުރުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ނުދިނުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް މެދުވެރިވެއްޖެނަމަ މައުލޫމާތު ހާމަނުކުރި ފަރާތް ވެސް ކުށްވެރިވާނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ. އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެނަމަ އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބުނެފައިވެއެވެ.

އަދި ކުށުގެ ނަތީޖާއެއްގެ ގޮތުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ ކުށުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށާއި ކުށުގެ ނަތީޖާއެއްގެ ގޮތުން މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ ކުށަށް އަދަބު ކަނޑައެޅޭނެ ގޮތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.