Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ބިރުން ފަހަތަށް ނުޖެހޭނަން، ބިދޭސީންގެ މައްސަލަ ހައްލުކުރާނަން: ހަނަފީ

ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބިވަޑައި ނުގަންނަވާނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނާއި ގުޅޭ ގޮތުން ހަނަފީ ވިދާޅުވީ އެ މަސައްކަތް ހުއްޓުވުމަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް، އަދި ކިތަންމެ ވަރަކަށް ބިރު ދެއްކި ނަމަވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ނުފޫޒުތަކުން އެއްކިބާވެ ވަޑައިގެން ހުންނަވާ، އިިގްރޭޝަން ގާނޫނުގައި ބުނާ ކަންކަން ތަންފީޒު ކުރައްވާނެ ކަމަށެވެ.

ރާއްޖެއަށް މިމަހާއި ޖެހެންދެން ވައްތައްރު މީހުންގެ ޕާސްޕޯޓު ހިފައިގެން 11 މީހަކު ރާއްޖެ އެތެރެވާން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އިމިގްރޭޝަން މުވައްޒަފުން ވަނީ އެ 11 މީހުންވެސް ހިފަހައްޓާފައެވެ.

ހަމަމިއާއެކު އިއްޔެ އިމިގްރޭޝަނާ ފުލުހުން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ރާއްޖޭގައި ގަވައިދާ ޚިލާފަށް ބިދޭސީން ރެކްރޫޓްކުރާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ގަވައިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ބިދޭސީ އަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަަށް ވަނީ ގެންގޮސްފައެވެ.

މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުރުން 49 އަހަރުގެ އެމްޑީ ޝަފީގުލް އިސްލާމް ކިޔާ ފިރިހެނެއް ކަމަށް އިމިގްރޭޝނަުން މައުލޫމާތުދެއެވެ. ބަންގްލަދޭޝަށް ނިސްބަތްވާ މި ފިރިހެންމީހާ އަށް އާންމުކޮށް ކިޔަނީ "މާސްޓަރ" ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އަދި ދެން ރާއްޖެއަށް ނާދެވޭ ގޮތަށް މިއަދުގެ ވަގުތެއްގައި އޭނާގެ ޑީޕޯޓްކޮށްލާފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.