އެހެން ގައުމުތަކަށް ދިވެހިން ހަނގުރާމައަށްދާ ދިވެހިން އެނބުރި އައުމުން މުޖުތަމައުއަށް ދިމާވެދާނެ ނުރައްކަލުން ސަލާމަތްވުމަށް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝިދު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ތަމްސީލު ކުރައްވާ ދާއިރާކަމަށްވާ، މައްޗަންގޯޅި ދެކުނުގެ ރައްޔިތުންނާ އަހުމަދިއްޔާ ސްކޫލުގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ނެވެ. ރައީސް ނަޝީދު ވިދާޅުވީ ޓެރަރިޒަމް ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މުހިންމު ބިލެއް ކަމަށެވެ. އެހެން ގައުމުތަކަށް ދިވެހިން ހަނގުރާމަ އަށް ދިއުން ފަދަ ކަންކަމަކީ އަލަށް ކުރިމަތިވާން ފެށި މައްސަލަތަކެއް ކަމަށް ވާއިރު، އެ ކަންކަމުން ދިމާވާނެ މައްސަލަތަކަށް ގާނޫނުން ޖަވާބު ހޯދެންޖެހޭނެ ކަމަށެވެ. އަދި ހަނގުރާމަވެރި ތަމްރީނުތަކާއި ހުނަރުތަކާއި، އެ ހަނގުރާމައަށް އެމީހުން ދިޔަ ފަލްސަފާއާއި ފިކުރާއި އެކުގައި އެމީހުން ރާއްޖެ އެނބުރި އައުމުން މުޖުމަތަމައަށް ދިމާވެދާނެ ނުރައްކަލާމެދު ވިސްނުން މުހިއްމު ކަމަށެވެ. އެހެންކަމުން ޓެރެރިޒަމް ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން މުހިއްމުކަމަށް ރައިސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާރު އޮތް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދައުވާ ކުރެވުނު މީހުންގެ ތެރޭގައި އެމަނިކުފާނު ހިމެނޭ ކަމަށެވެ. އަދި އެ ގާނޫނަށް ގެނައި ކޮންމެ އިސްލާހަކާއި އެކުވެސް އެ މަނިކުފާނުގެ މައްޗަށް ދައުވާ ކުރިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލެއް ފާޅުކުރި މީހަކީ ވެސް ކުށެއް ކަމަށް ކަނޑައަޅައިފަ އެވެ.
ބިލްގައިވާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތައް މަދުވެގެން ކޮންމެ 12 މަހަކުން އެއް ފަހަރު މުރާޖައާ ކުރަން ވާނެ ކަމަށް ބިލްގައިވެ އެވެ. މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ބިލްގައި ލާޒިމް ކުރެ އެވެ.
ބިލްގައި ބުނެފައި ވަނީ އެ ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު ދައުލަތުގެ ކަމާބެހޭ އިދާރާއަކާ އެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާ ނުކުރުމަކީ ކުށެއް ކަމަށެވެ.
އަދި އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
މީގެއިތުރުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ނުދިނުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް މެދުވެރިވެއްޖެނަމަ މައުލޫމާތު ހާމަނުކުރި ފަރާތް ވެސް ކުށްވެރިވާނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ. އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެނަމަ އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބުނެފައިވެއެވެ.
އަދި ކުށުގެ ނަތީޖާއެއްގެ ގޮތުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ ކުށުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށާއި ކުށުގެ ނަތީޖާއެއްގެ ގޮތުން މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ ކުށަށް އަދަބު ކަނޑައެޅޭނެ ގޮތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.