ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިއަދުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލު ބަންދުގައި ހުންނެވިއިރަށްވުރެ މިއަދުގެ ހާލަތު ގޯސް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ސްކޫލުގެ 2018 ވަނަ އަހަރު އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ރޭ މިނިސްޓަރު ވިދާޅުވީ، މީގެ ދެ ތިން އަހަރު ކުރިންް މިނިސްޓަރު އިމްރާން ބަންދުގައި ހުންނެވި އިރު ހާލު ކިހިނެތްތޯ އަހާލުމުން، އެއްވެސް ޖެހިލުމެއް ނެތި، ހުރިހާ ކަމެއް ރަނގަޅު ކަމަށް ވިދާޅުވާ ކަމަށެވެ. ނަމަވެސް މިހާރު އެހެން ދެންނެވެން ނެތް ކަމަށް އެމަނިިކުފާނު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ އެފަދައިން ވިދާޅުވެވެން ނެތީ ކޮންމެ ދުވަހަކު ލޯ ކުރިމަތިން ފެންނަ ހުރި ކަންތައްތަކުންނާއި ކޮންމެ ދުވަހަކު ތަޖުރިބާ ކުރަންޖެހޭ ހާލަތްތަކުގެ އިތުރުން ކޮންމެ ދުވަހަކު ފެންނަ ނިކަމެތި މަންޒަރުތަކުގެ ސަބަބުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ތައުލީމީ ރޮނގުންނާއި އެހެނިހެން ދާއިރާތަކުން ދިވެހިން ހޯދާފައިވާ ކުރިއެރުންތަކާ މެދު އުފާކުރައްވާ ކަމަށެވެ. ނަމަވެސް އެއާއެކު ހިތާމަ ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ ދަތުރު ކުރަމުން ދަނީ ނުރައްކާތެރި މިސްރާބަކަށް ކަމަށެވެ.
ރާއްޖެ ދަތުރުކުރަމުން މިދަނީ، މިސާލަކަށް މީގެ ދިހަ ވަރަކަށް އަހަރު ކުރިއަށް ބެލި ނަމަވެސް، އަދި ދަތުރު ކުރަމުން މިދަނީ ހަމަ ނުރައްކާތެރި މިސްރާބަކާ ދިމާލަށް. އަޅުގަނޑުމެން ކެނޑިނޭޅި ރެޔާ ދުވާލު މަސައްކަތް އެބަ ކުރަން މިކަންކަމުން ސަލާމަތްކުރެވެން ހުރި ހުރިހާ ގޮތަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން ވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ސަމާލުވުމަށް އިލްތިމާސް ކުރައްވައިފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދިވެހި ޒުވާނުންގެ ނިސްބަތް ބޮޑު ކަމަށާއި، މިއީ ދިވެހިން ހިތާމަކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސްކޫލުތަކުގެ ހުރިހާ ބޭފުޅުން އަދި ހުރިހާ ބެލެނިވެރިން މިކަމާ ފުންކޮށް ވިސްނަވާ. ގްރޭޑު ހަތެއް، އަށެއްގެ ކުދިން މަސްތުވާތަކެތީގެ ތެރެއަށް ވަދެ، އޭގެ ޝިކާރައަކަށް ވެގެންދާ މަންޒަރު ފެނުމަކީ އަޅުގަނޑުމެންގެ ހިތަށް ކެތްވާވަރުގެ ކަމެއް ނޫން،" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އެކަންކަން ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް ބަލަމުން އަންނަ ކަމަށާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމާ ހަމައިން ފެށިގެން ގޮސް، ރިހެބިލިޓޭޓްކުރުމާ ހަމައަށް ކަންކަން ބަލަމުން އަންނަ ކަމަށެވެ.
"އަދި ރާއްޖެ ދަތުރުކުރަމުން މިދަނީ، މިސާލަކަށް މީގެ ދިހަ ވަރަކަށް އަހަރު ކުރިއަށް ބެލި ނަމަވެސް، އަދި ދަތުރު ކުރަމުން މިދަނީ ހަމަ ނުރައްކާތެރި މިސްރާބަކާ ދިމާލަށް. އަޅުގަނޑުމެން ކެނޑިނޭޅި ރެޔާ ދުވާލު މަސައްކަތް އެބަ ކުރަން މިކަންކަމުން ސަލާމަތްކުރެވެން ހުރި ހުރިހާ ގޮތަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނެވެރިން އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.