ގުޅިފަޅުގައި ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރެއް ހެދުމުގެ ގޮތުން ކޮންސެލްޓެންސީ ދޭން ޑެންމާކާއި ހޮލެންޑުގެ ޖޮއިންޓް ވެންޗާ (ޖޭވީ) އަކާއި ދިވެހި ތިން ކުންފުންޏަކަށް ސަރުކާރުން ހަވާލުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގުޅީފަޅުގައި އިންޓަނޭޝަނަލް ޕޯޓެއް ޑިވެލޮޕްމަންޓު ކުރުމަށްޓަކައި ކޮންސެލްޓެންސީ ދިނުމަށް ހަވާލު ކޮށްފައިވަނީ ނިރާސް ކުންފުންޏާއި މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) އަދި ސަބް ކޮންސެލްޓެންސީއާ ކަމަށެވެ. ސަބް ކޮންސަލްޓެންސީގެ ގޮތުގައި ހަރަކާތްތެރިވާނީ ވޯޓާ ސޮލިއުޝަން އާއި ކްލިއާރެއިން މޯލްޑިވްސް އަދި ބީޗްރޮކް ވެންޗާ ކިޔާ ކުންފުންޏެކެވެ.
މި މަޝްރޫއު ހަވާލު ކޮށްފައިވާ ނިރާސްއަކީ ޑެންމާކުގެ ކުންފުންޏެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވާ މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަން (އެމްޓީބީއެސް) އަކީ ހޮލެންޑުގެ ކުންފުންޏެވެ. ދެން ތިބި ކުންފުނިތަކަކީ ރާއްޖޭގެ ކުންފުނިތަކެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ އެއް މިލިއަން ޑޮލަރަށެވެ.
ގުޅިފަޅުގައި އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީ ކުރަން ކޮންސެލްޓެންސީ ދޭން ހަވާލު ކުރިއިރު، މި ސަރުކާރުން ވަނީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރަން ފެށުމުގެ ގޮތުން، މާސްޓަ ޕްލޭން ހެދުމާއި ޕޯޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަ ޑޮކިއުމެންޓްރީ ތައްޔާރު ކޮށްދޭނެ ކޮންސަލްޓެންސީ ފާމެއް ހޯދަން މީގެ ކުރިން އެތަށް ފަަހަރު އިއުލާނު ކޮށްފަ އެވެ. އަދި ފަހުން ފިނޭންސް މިނިސްޓްރީން ވަނީ މި މަސައްކަތް ކުރުމަށް 34 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ބްރިޖުތަކަކުން ގުޅާލުމަކީ މި ސަރުކާރުން ގެންގުޅޭ ވިސްނުމެކެވެ. އަދި މި މަޝްރޫއު ސަރުކާރުން ވަނީ ސަރުކާރުން އިސް ނަގައިގެން ބޭއްވި ޕާޓްނާޝިޕް ފޯރަމަށްވެސް ހުށަހަޅާފައެވެ. މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ބްރިޖަކުން ގުޅާލުމުގެ މަޝްރޫޢުއަށް 488 މިލިއަން ޑޮލަރު ނުވަތަ 7.5 ބިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ.