މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން މިއަދު އެ މަސައްކަތް ކުރަމުން ގެންދަނީ މުޅިން ތަފާތު ވައްޓަފާޅިއަކަށް އެކަން ބަދަލުކޮށްގެން ކަމަށާއި އެކަންަން ހުއްޓުވުމަށް ކުރާ މަސައްކަތްވެސް މުޅިން އައު ވައްޓަފާޅިއަކަށް ބަދަލުކުރަންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް 2019 ފާހަގަކުރުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީން ބާއްވާ އޯޕަންޑޭ ހުޅުވުމުގެ ގޮތުން ސޯޝަލް ސެންޓަރގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މަސްތުވާތަކެތި ގެންގުޅުމާއި މަސްތުވާތަކެތި ވިއްކުމުގެ މުޢާމަލާތްތައް މުޖުތަމަޢުގައި ދެމިގެންދާ ކަމީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރިކުރުމުގައި ގެންގުޅޭ ވައްޓަފާޅި ބަދަލުކޮށް، އެ ވިޔަފާރިކުރުމަށް އައު ގޮތްތައް ހޯދަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
އެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގައި ތަފާތު ވިސްނުމެއް ގެންގުޅެން ޖެހޭ ކަން ފާހަގަކުރައްވައި، އީޖާދުވަމުންދާ އައު ގޮތްތަކާ އެއްހަމައެއްގައި މަސައްކަތް ވެސް ކާމިޔާބުކުރުމަށް ޓަކައި އައު ތަޞައްވުރުތައް އެކުލަވައިލައި އައު ޕްލޭންތަކަށް މަސައްކަތްކުރަން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ މަސްތުވާތަކެތީގެ ސަބަބުން ތިމާއަށާއި މުޅި މުޖުތަމަޢުއަށް ކުރާ އަސަރު އެންމެހައި ފަރުދުންނަށް ވިސްނޭނެ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުން ކަމަށް ވެސް ޝިދާތާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި، ގިނަ ފަހަރަށް ޤަބޫލުކުރެވިފައި އޮންނަނީ، އެ ކަމުގެ ސަބަބުން އަސަރުކުރާނީ އެ ކަމުގެ ޝިކާރައަށްވެފައިވާ މީހާއަށް ނުވަތަ އެ ފަދަ މީހެއްގެ ޢާއިލާއަށް އެކަނި ކަމަށެވެ.، އެހެން ނަމަވެސް މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރާ މީހުންގެ ސަބަބުން، އެ ކަމުގެ ނޭދެވޭ އަސަރު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ކޮންމެ ފަރުދަކަށް ވެސް ފޯރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ސަބަބުން ދައުލަތުގެ އިޖުތިމާޢީ ރައްކައުތެރިކަމުގެ ނިޒާމުގެ ތެރެއިން ކުރެވޭ ޚަރަދު އިތުރުވުމާއި، އަމަންއަމާންކަން ބެލެހެއްޓުމާއި، ތަޙުޤީޤީ، ތަންފީޛީ އަދި ޝަރުޢީ ދާއިރާއަށް ކުރެވޭ ޚަރަދު އިތުރުވެގެން ދިއުމުގެ ސަބަބުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައްޔާއި ތަރައްޤީގެ މަޝްރޫޢަށް ކުރެވޭ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެން ދާ ކަމަށް ޝިދާތާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޝިދާތާ ވިދާޅުވީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާނުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިރު، އެއީ ޤައުމު ބިނާކުރުމުގައި ދަތިތަކާއި ހުރަސްތައް ކުރިމަތިކުރުވާނެ ކަމެއްކަން ފާހަގަކުރައްވައި، ޤައުމު ބިނާކުރުމުގައި މާދަމާ ހަރަކާތްތެރިވާން އޮތް ޖީލު، ފަނާކުރަނިވި މި ނުރައްކަލުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ.
މަސްތުވާތަކެތީގެ ސަބަބުން ދިވެހި އިޤުތިޞާދުގެ ތެރޭގައި ދައުރުވާ ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖޭން ބޭރަށް ދިޔުމާއި، ވަގު ވިޔަފާރިއާއި ކަޅު ބާޒާރު ދުވަހެއް ދުވަހަކަށް ފުޅާވުމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ އިންސާނީ ވަސީލަތް އުފެއްދުމަށް ހުރަސް އެޅިގެން ދިއުން ހިމެނޭ ކަމަށާއި އެކަމުގެ ސަބަބުން ތަފާތު އެކި ބާވަތުގެ ޖިނާއީ ކުށްތަކަށް އަރައިގަތުމާއި ޢާއިލީ މައްސަލަތައް އިތުރުވުން ފާހަގަކުރެވިފައިވާ ކަމަށް ޝިދާތާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.