އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެމަސައްކަތް ނުކޮށް ދެއަތް އުރާލައިގެން ނުތިއްބަވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އައްޑޫގެ ކަރަންޓު މައްސަލައާ ގުޅޭ ގޮތުން "އައްޑޫލައިވް"އާ މިއަދު ވާހަކަފުޅުދައްކަވަމުން ސައީދު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ ހާލަތު ވަރަށް ނާޒުކު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދޭތެރެ ދޭތެރެއިން އައްޑޫއިން ކަރަންޓު ކެނޑެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އައްޑޫ ރައްޔިތުންނަށް ފޯރު ކޮށްދޭންޖެހޭ އެ ހައްގު އަދާނުކޮށް ފެނަކަ ކޯޕަރޭޝަނުން ދެއަތް އުރާލައިގެން ނުހުންނަ ކަމަށާއި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ސައީދު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން ހަތް ގަޑިއިރަށް ކަރަންޓު ކަނޑާލާނެ ކަމަށް ބުނެ ކުރިން ޗިޓު ފޮނުވިން. ނަމަވެސް ދެން އަޅުގަނޑަށް މައުލޫމާތު ލިބުނީ ކުރިން އަޅުގަނޑުމެން އެސްޓިމޭޓު ކުރި ވަރަށް ވުރެވެސް އަވަހަށް އިރާދަކުރެއްވިއްޔާ ކަރަންޓު ދެވޭނެ ކަމަށް،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިއަދު ކަރަންޓުގެ ހިދުމަތް ކަނޑާލަން ޖެހުނީ ދޭތެރެ ދޭތެރެއިން އައްޑޫއިން ކަރަންޓު ކަނޑައިގެން ދާ ދިއުމަށް ހައްލެއް ގެނައުމަށް ކަމަށެވެ. އަދި އެމަސައްކަތަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ މަސައްކަތެއްގެ ގޮތުގައި އެ ކޯޕަރޭޝަނަށް ފެނިފައިވާ މައްސަލައެއް ކަމަށާއި އެ މަސައްކަތް ކުރުމުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ.
"އެއީ އެކަމަކު ދާއިމީ ހައްލެއް ނޫން. އެކަމަކު އެ މަސައްކަތްވެސް އެބަ ކުރަންޖެހޭ. މިތަނުގައި [އައްޑޫ ސިޓީގައި] ޖަޕާނު މީހުން ބަހައްޓާފައި ހުރި ބޮޑު ދެ އިންޖީނު އެބަހުރި. އެތަނުން ޔަންމާ އިންޖީނަށް ކިރިޔާވެސް މައްސަލައެއް ދިމާވެއްޖެ ނަމަ މުޅި ސިސްޓަމް އެބަ ޝަޓްޑައުންވޭ. އެހެންވީމަ އެކަންކަން ހައްލު ކުރަމުން މިދަނީ. އެއްގޮތަކަށްވެސް ދެއަތް އުރާލައިގެން އަޅުގަނޑުމެން ތިބެނީ އެއް ނޫން،" ފާޑުކިޔުންތަކަށް ރައްދު ދެއްވާ ސައީދު ވިދާޅުވިއެވެ.
ސެންޓްރަލް ޕަވާ ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ!
ސައީދު ވިދާޅުވީ އައްޑޫ ސިޓީގެ އައު ހޮސްޕިޓަލާއި ހައުސިން ޔުނިޓުތަކަށްވެސް ބޭނުންވާ ކަރަންޓު އެ ކޯޕަރޭޝަނުގެ ފަރާތުން ފޯރު ކޮށްދޭނެ ކަމަށެވެ. އެގޮތުން އެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ސައީދު ވިދާޅުވިއެވެ.
އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް އަންނަން ކިހާ ދުވަހެއް އަދި ކުރާ މަސައްކަތަކީ ކޮބައިތޯ އެހުމުން ސައީދު ވިދާޅުވީ އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ލިބިގެން ދާނީ ސެންޓްރަލް ޕަވާ ހަރުދަނާ ކުރެވިގެން ކަމަށެވެ. އޭނާ ވިދާޅުވީ އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެއީ 28 މެގަވޮޓުގެ ޖަނަރޭޓަރ ސިސްޓަމް ބަހައްޓާ އައްޑޫއަށް ކަރަންޓު ފޯރު ކޮށްދިނުން ކަމަށް ސައީދު ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ މިކަން ކުރުމަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވިއްޖެ. ސީދާ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ހާއްސަ އިސްނެންގެވުމާއި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން މި މަސައްކަތް ކުރިއަށް މިދަނީ. މިކަން ނިމުމުން އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ލިބިގެންދާނެ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި އެ މަސައްކަތް މޮބަލައިޒޭޝަން ކުރެވުމުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަސްތެރޭގައި ފެށޭވަރު ވާނެ ކަމަށެވެ. ނަމަވެސް އެކަން މުޅިން އެއްކޮށް ނިންމާލަށް އަހަރެއްހާ ދުވަސް ހޭދަވާނެ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ މަސައްކަތަކީ ކުޑަ މަސައްކަތެއް ނޫން ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ކަރަންޓު ޔަގީން ކަމާއި އެކުގައި ފޯރު ކޮށްދިނުމަށް ފެނަކައިން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ތަކުރާރުކޮށް ސައީދު ފާހަގަކުރެއްވިއެވެ.