ރާއްޖެއަށް މިއަދު ޖެހިފައިވާ ހުރިހާ ނުރަނގަޅު ކަމެއްގެ ފެށުމަކީ މަސްތުވާތަކެތި ކަމަށް ދާދިފަހުން ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގެން ޕީއެންސީގެ ކުރީގެ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޓެރަރިޒަމްގެ ގާނޫނަށް ބަދަލު ގެނެސްގެން ވިއަސް މަސްތުވާތަކެތީގެ ވަބާއިން ދިވެހި ގައުމު ސަލާމަތް ކޮށްދެއްވުމަށް ދިވެހި ސަރުކާރާއި، ސަރުކާރުގެ އިސްވެރިންނަށް ގޮވާލައްވާފައެވެ.
Terrorism ge Gaanoon Beynun Kohggen Namaves Thiya Museebaathun Dhivehi Qaumu Himaayaiy Kohdhevvaa! Rajje ah Jehifaiavaa Hurihaa Nurangalhu Kan Kan Fesheigen Aisgai Vanee Thiya Vabaa ge Sababun. https://t.co/QIUTtW3SiN
— Ahmed Nihan (@ahmed_nihan) September 14, 2019
ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ 2019 ހުޅުއްވައި ދެއްވުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކޮށް، މަސްތުވާ ތަކެތީގެ ޝިކާރައަށް ވަމުންދާ ޒުވާން ޖީލް އެވަބާއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު އަދި އެހާމެ އިސްކަން ދެވިފައިވާ ސިޔާސަތެއްކަމުގައި ވިދާޅުވިއެވެ.
އަދި، މި ސިޔާސަތު ބައްޓަން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް ފަރުވާދީ، ތަރުބިއްޔަތުދީ، ތަމްރީން ދީގެން އެމީހުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.