Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ތަހުގީގުނުކޮށް ބިދޭސީން ޑީޕޯޓު ކޮށްލި މައްސަލަ މަޖިލީހަށް

އިމިގްރޭޝަނުން ދާދިފަހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ޑީޕޯޓު ކޮށްލި ހަނީފު ނަމަކަށް ކިޔާ ބިދޭސީއެއް --

ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ދެ ބިދޭސީއެއްގެ މައްސަލަ ތަހުގީގުނުކޮށް، އިމިގްރޭޝަނުން ޑީޕޯޓްކޮށްފައިވާތީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.

މަނީލޯންޑާ ކުރާ ކަމުގެ ތުހުމަތުގައި އިމިގްރޭޝަން އިން ދޫކޮށްލީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަބޫ ހަނީފެވެ. އަބޫ ހަނީފް ނަމަކަށް ކިޔާ ބަންގްލަދޭޝް ފިރިހެނަކަށް ރާއްޖޭގައި ހުރުމަށް އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާ ހިލާފުވުމުގެ ސަބަބުން ޑީޕޯޓްކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އެވެ. އޭނާ ޑީޕޯޓު ކޮށްލީ އެއްވެސް އިތުރު ނޯޓިސްއެއް ނުދީއެވެ.

މީގެއިތުރަށް އިމިގްރޭޝަނުން ވަނީ ރާއްޖެއައިސް ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓްކުރާ މީހަކު އަތުލުމަށްފަހު ޑީޕޯޓް ކޮށްލާފައެވެ. މި އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓްކޮށްފައި ވަނީ އެމްޑީ ޝަފީގުލް އިސްލާމް (އާންމު ނަމުން ނަމަ "މާސްޓާ") ނަމަކަށް ކިޔާ ބަންގުލަދޭޝްގެ 49 އަހަރުގެ ފިރިހެނެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިނާއީ ކުށްތަކެއް ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ފަރާތެއްގެ މައްސަލަ ތަހުގީގުނުކޮށް ޑީޕޯޓްކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަން ރައްޔިތުން މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީއަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.