އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ އެކްސްޓްރާ އޯޑިނަރީ މީޓިންގައި ބައިވައިވެ ވަޑައިގަތުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއި އެކުގައި ކަމަށެވެ. ފަލަސްތީނު މައްސަލާގައި އޯއައިސީގެ ބައްދަލުވުމެއް ބާއްވާއިރު މި ބައްދަލުވުމުގައި ބައިވެރިވާނީ ގައުމުތަކުގެ ހާރިޖީ ވަޒީރުންނެވެ.
އޯއައިސީއަކީ 57 މެންބަރު ގައުމުތަކުގެ މައްޗަށް އެކުލެވޭ ގައުމެކެވެ. މި ޖަމިއްޔާގެ މެޖޯރިޓީ ހޯދާފައިވަނީ އިސްލާމީ ގައުމުތަކުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ޖަމިއްޔާގައި 53 މެންބަރު ގައުމުތަކަކީ އިސްލާމީ ގައުމުތަކެވެ.
އޯއައިސީގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި މިވަނީ އަންގާރަ ދުވަހު ބާއްވާ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ ޖޯޑަން ވާދީ އާއި ޑެޑް ސީގެ އުތުރުން ބޮޑު ބައެއް އިޒްރޭލުގެ ތަނަކަށް ހަދާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނިކޮށެވެ.