Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ނަޝީދުގެ ވާހަކަތަކުން ދީނީ އިލްމުވެރިން ރަތަށް!

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންތައް ނުރުހުން ފާޅު ކުރައްވަން ފައްޓަވައިފިއެވެ.

ރޭ ޣިޔާސުއްދީން ސްކޫލުގެ "ސްޓޫޑަންޓު އެޗީވްމަންޓު އެވޯޑު 2018"ގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެން ދީނީ އިލްމުވެރިން އަންނަނީ ނުރުހުން ފާޅުކޮށް ޝުއޫރު ފާޅު ކުރަމުންނެވެ. އަދި ނުސީދާކޮށް ރައީސް ނަޝީދަށް ބަހުގެ ހަމަލާތައްވެސް ދެމުންނެވެ.

ނަމަވެސް ނަޝީދުގެ އެ ވާހަކަތަކަށް މަޝްހޫރު ގިނަ ދީނީ އިލްމުވެރިންތަކެއް އަންނަނީ ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ޑރ. އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައްދު ފަހަނަ އަޅާފައިވާ މީހުން ކާބަފައިން ހުއްޖަތަކަށް ހަދަން ފެށީ އަލަކަށް ނޫން ކަމަށެވެ. އަހަރަމެން އީމާންވާން ޖެހޭނީ ކާބަފައިން އުޅުނު ގޮތަކަށް ނޫން ކަމަށާއި ބަލަންޖެހޭނީ ގުރުއާނާއި ސުންނަތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އިޔާޒު ވިދާޅުވީ މުސްލިމުން ހެދުން އަޅަން ޖެހޭނީ ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްސަަމަ އެންގެވި ގޮތަށް ކަމަށެވެ. އަދި އެއީ މުހައްމަދު ނަޝީދު އަންގާ ގޮތަށް ކުރަންޖެހޭ ކަމެއް ނޫން ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ. ޑރ. އިޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ހެދުން އެޅުވުމުގެ ވައްޓަފާޅި ބަދަލު ނުކުރުމަށް ރައީސް ނަޝީދު ރޭގެ ޖަލްސާގައި ވިދާޅުވެފައި ވާތީއެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ނުސީދާކޮށް ރައްދު ދެއްވާ ޝެއިހް އިލްޔާސް ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމެއް ކުރުމަށް ދީނުގައި އައިސްފައިވާ ސައްހަ ގޮތް އެނގުމުން ކުރީގައި އެކަން ނޭނގި އަމަލު ކުރެވުނު ގޮތް ދޫކޮށްލެވުމަކީ ގޯސް ކަމެއް ކަމަށް ދެކުމަކީ ދީނީ ކަންކަމުގައި ތިމާގެ ހިތުގައި ގަދަރެއް ނެތް ކަމުގެ އަލާމާތެއް ކަމަށެވެ. ދިވެހިންނަކީ މުސްލިމުން ކަމަށާއި މުސްލިމުން ބަލަން ޖެހޭނީ ދީނުގައި އައިސްފައިވާ ގޮތަށް ކަމަށް ޝެއިހް އިލިޔާސް ވިދާޅުވިއެވެ.

ޝެއިހް ޝަފީއު މުހައްމަދު ވިދާޅުވީ ދީނުގައި ވަކި ކަމަކަށް އޮތީ ވަކި ހުކުމެއް ކަމަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެއްޖެ ނަމަ ދެން އޮންނާނީ އެގޮތަކަށ އީމާންވުން ކަމަށެވެ. އަދި އެއީ މޫމިނުންގެ ސިފަ ކަމަށާއި އެސިފަ ނެތް ނަމަ އެއީ ނުރައްކާތެރި ހާލަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބައެއް މައިންބަފައިން އެމީހުންގެ ދަރިންނަށް ހެޔޮ ވިސްނުމުން އެކަމާ ކަންބޮޑުވާ ކަމަށާއި ބައެއް ދަރިން އެބައިމީހުންގެ މައިންބަފައިންނަށް ހެޔޮ ވިސްނުމުން އެކަމާ ކަންބޮޑުވާ ކަމަށް ޝަފީއު ވިދާޅުވިއެވެ. ޝެއިހް ވިދާޅުވީ ކޮންމެ މީހަކުވެސް ކުރަންވީ ކަމަކީ ހެޔޮ ގޮތަކީ ނުވަތަ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުން ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެހެން ގައުމުތަކުގެ މީހުން އުޅެމުން އަންނަ ގޮތާއި މުޅިން ތަފާތުކޮށް އުޅެމުން އަންނަ ބަޔަކު ދިރިއުޅޭ ގައުމެއް ކަމަށެވެ. އެހެންކަމުން އެގޮތްތައް ބަދަލު ކުރުމަށްޓަކައި ގިނަބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގައުމެއް ބިނާ ކުރެވޭނީ ގައުމިއްޔަތެއް ބިނާ ކުރެވިގެން ކަމަށެވެ. ގައުމިއްޔަތެއް ބިނާ ކުރެވޭނީ މާޒީއެއް ހޯދައިގެން ކަމަށް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ދިވެހިންގެ ގައުމިއްޔަތު ހޯދޭނީ ދިވެހިންގެ ތާރީހުން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މިރޭގެ ޖަލްސާގައި ހުކުރު މިސްކިތާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ގައުމިއްޔަތު ފުހެލާންވެގެން މިދިޔަ 20އަކަށް 30އަކަށް އަހަރު ކުރެވިއްޖެ. އެންމެ ބޮޑު ކަމަކަށް ކުރެވުނީ މިސްކިތްތައް ތަޅާލުން، ގަބުރުސްތާނުތައް ތަޅާލުން މާޒީ ފުހެލުން. އެއަށްފަހު މުޅިން އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތް ކަމަށް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފު ކުރެވިގެން ދިޔަ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ނަޝީދު ވަނީ ދިވެހިން ހެދުން އެޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތައްވެސް ޖަލްސާގެ ހާޒިރިންނާއި ހިއްސާ ކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިން އުޅެމުން ދިޔަ ގޮތަކީ ގޯސް ގޮތްތަކެއް ކަމަށްބުނެ ވާހަކަތަކެއް ދެކެވެން ފެށި ކަމަށެވެ.

"އަޅުގަނޑު ވަރަށް ކަންބޮޑުވާ ވާހަކައެއް އަޅުގަނޑު އަމިއްލައަށް އެބަ ދައްކަން މިހާރަކަށް އައިސް. އެއީ މި ދިވެހިރާއްޖެ ބަދަލު ކުރުމަށް، އެހެން ގޮތަކަށް އަނބުރާލުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު އުޅޭ ކަމަށް. އެއްވެސް ހާލެއްގައި އަޅުގަނޑު މި ދައްކަނީ އިސްލާމްދީނުގެ ވާހަކައެއް ނޫން. އަޅުގަނޑުމެން އެންމެންނަކީވެސް އިސްލާމުން، އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން އުޅެން އަޅުގަނޑުމެން ބޭނުން ވަނީވެސް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަކީ އެހެން ގައުމުތަކުގެ މީހުން އުޅޭ ގޮތާއި ތަފާތުކޮށް އުޅޭ ބައެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވަނީ އެއްވެސް މީހަކުވެސް އަދި އެއްވެސް ދަރިވަރަކުވެސް ގޮތް ބަދަލު ނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.