Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ސައުދީގެ ތެޔޮ ކާރުހާނާތަކަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި

ސައުދީ ތެޔޮ ކާރުހާނާއަށް ދިން ޑްރޯން ހަމަލާ -- ފޮޓޯ / ފޮކްސް ނިއުސް

ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުންޏެއް ކަމަށްވާ އަރަމްކޯއަށް އަމާޒުކޮށް އިއްޔެ ދިން ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ. މި ތެޔޮ ކުންފުންޏަކީ ސައުދީގެ މައި ތެޔޮ ކުންފުނިވެސް މެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ ހަމަލާތަކުގެ ސަބަބުން މައުސޫމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާނެ ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ސައުދީ އަރަބިއްޔާގެ ސަލާމަތާއި މުޅި ސަރަހައްދުގެ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި އެފަދަ ފިނޑި ޓެރަރިސްޓު ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން ސަރަހައްދުގައި ސުލްހަ މަސަލަސްކަން ގާއިމް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިގެން ދާނެ ކަމަށް ވަނީ ބުނެފައެވެ.

މި ހަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ސައުދީން ވަނީ ބުނެފައެވެ.