މަރާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން ރާއްޖެ އިން ބޭރަށް ގޮސް މަރުވިކަން ދެއްކުމަށް ޕާސްޕޯޓު ހެދުމުގެ މަސައްކަތް ކުރި އިންޓެލިޖެންސް ޑިޕާޓްމެންޓުގެ ދެ އޮފިސަރުން އަދި މިހާތަނަށް ވަޒީފާ އިން ވަކިކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެ ދެ ފުލުހުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިޔާތަކުން މިއަދު ވަނީ ރިޕޯޓުކޮށްފައެވެ.
ނަމަވެސް އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުންގެ ތަރުޖަމާނު އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވަނީ އެ ދެ ފުލުހުން ވެސް އަދި މިހާތަނަށް ވަޒީފާ އިން ވަކިކޮށްފައިނުވާ ކަމަށް ވިދާޅުވެފައެވެ.
ރިލްވާން މައްސަލާގައި ހިމެނޭ ދެ ފުލުހުންނަކީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. މި ދެ އޮފިސަރުން ވެސް މިވަގުތު ތިބީ ވަޒީފާ އިން އެކަހެރިކޮށްފައެވެ. އަދި އެ ދެ ފުލުހުންގެ މައްސަލަ ޑިސިޕްލިނަރީ ބޯޑަށް ވެސް ވަނީ ހުށަހަޅާފައެވެ.
މަރުތަކާ ބެހޭ ކޮމިޝަނުން އާންމުކުރި ރިލްވާންގެ ޑްރާފްޓް ރިޕޯޓުގައިވާ ގޮތުން މި ދެ އޮފިސަރުން ރިލްވާންގެ ޕާސްޕޯޓު ހައްދަން ދިޔައީ އޭރު އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަގާމުގައި ހުންނެވި އަދި މިހާރުގެ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ ގާތަށެވެ.
ޕާސްޕޯޓު ހަދަން ދިޔުމުން އެފަދަ ޕާސްޕޯޓެއް ހަދައިދެވޭނީ ރަސްމީ ލިޔުމަކުން އެދުމުން ކަމަށް ހަސަން އަލީ ވިދާޅުވި ކަމަށާއި އޭގެ ޖަވާބުގައި އެފަދަ ލިޔުމެއް ނުގެނެވޭނެކަމަށް އިންޓެލް ދެ އޮފިސަރުން ބުނިކަމަށް އެ ރިޕޯޓުގައިވެއެވެ.
އަދި ރަސްމީ ލިޔުމެއް ނުގެނެވޭނެކަމަށް ބުނުމުން އެމީހުން ބޭނުންނަމަ ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ނޫންހޭ ހަސަން އަލީ ވިދާޅުވުމުން އެއީ ރަނގަޅު ގޮތެއް ކަމަށް ބުނެފައި އިންޓެލް ދެ އޮފިސަރުން ދިޔައީ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.