Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

ރާއްޖޭގެ ކުދި ވިޔަފާރިތަކުގެ ކޮންޓްރޯލް ބިދޭސީންގެ ބާރުގެދަށަށް!

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދަނިކޮށް ޑީޕޯޓުކޮށްލި ބިދޭސީއެއް.

ޒަމާނުއްސުރެ ރާއްޖޭގެ އިގްތިސާދުގައި ގަވާއިދާ ހިލާފަށާއި ހުއްދަލިބިގެން ވިޔަފާރިކުރާ ބިދޭސީން ވަރަށް ގިނައެވެ. ބުނެވޭގޮތުގައި ދައުލަތުގެ ރަސްމީ ހުއްދަ ލިބިގެން ވޯރާއިން ރާއްޖޭގައި 105 އަހަރު ވިޔަފާރި ކުރިއެވެ. އެއީ ރާއްޖޭގެ މުޅި އިގްތިސާދު ވޯރާ ވިޔަފާރިވެރިން ކޮންޓްރޯލް ކުރި ދުވަސްވަރެވެ.

ވޯރާއިން ރާއްޖޭގައި ވިޔަފާރި ކުރި ދުވަސްވަރު ދިވެހިންނަށް ވިޔަފާރި ކުރުމުގެ ބާރެއް ނެތެވެ. ކާބޯތަކެތި ގަންނަން ޖެހެނީ އެމީހުން ވިއްކި އަގެއްގައެވެ. އޭރު ރާއްޖޭގެ ސިޔާސީ އިސްވެރިން ތިބީ ވޯރާ ވިޔަފާރިވެރިންނާއި ގުޅި އެމީހުންނަށް ވިކިފައެވެ. ދިވެހި ދައުލަތް އޮތީ ވޯރާވިޔަފާރިވެރިންނަށް ދަރަނިވެރިވެފައެވެ. މުޅި އިގްތިސާދުގެ އިމްޕޯޓް އެކްސްޕޯޓް އޮތީ އެމީހުންގެ އަތްދަށުވެ ތާށިވެފައެވެ.

އޭރު ހިތަށްއެރި ގޮތަކަށް ވޯރާއިން ރާއްޖޭގައި ވިޔަފާރި ކުރަމުން ދަނިކޮށް އެބައިމީހުން ރާއްޖެއިން ފޮނުވާލީ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައެވެ. އެއީ ނާސިރު އެޅުއްވި ހަރުދަނާ ފިޔަވަޅެކެވެ. އޭގެ ސަބަބުން ހުޅުވުނު ފުރުސަތުތަކުގައި ދިވެހި ވިޔަފާރިތައް އުފެދި ވިޔަފާރީގައި ދިވެހިންގެ ބައިވެރިވުން އިތުރުވިއެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިން ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖެހިއެވެ.

ނަމަވެސް މިއަދު އަނެއްކާވެސް މިވަނީ އެހާލަތު ބަދަލުވެފައެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންގެ ވިޔަފާރިތައް މިވަނީ ނޭގިތިއްބާ ހީކުރާވަރަށްވުރެ ގިނަވެފައެވެ.

ވިޔަފާރީގެ އެކި ސިނާއަތްތަކުގައި މިއަދު ބިދޭސީން މިވަނީ ވަކި ހިއްޕާލާފައެވެ. ކަންމަތީ ފިހާރައިން ފެށިގެން މަސް މާރުކޭޓުގެ ގޮޅިތަކުގެ އިތުރުން ގެސްޓު ހައުސް ހަދައި ހިންގަން މި ވަނީ ފަށާފައެެވެ. ގަވާއިދާ ހިލާފަށް ކޮންސްޓްރަކްޝަން މަސައްކަތްކުރާ ގްރޫޕްތައް އުފެދި މާލެއިން ދިގު މުއްދަތައް އިމާރާތްތައް ނަގައި އެތަންތަން ކުއްޔަށް ދީ ރިއަލް އެސްޓޭޓް ވިޔަފާރީގައި ބިދޭސީން މިވަނީ ބާރު ގަދަކޮށްފައެވެ.

މީގެ އިތުރުން ބިދޭސީންނަށް ހާއްސަ ފިހާރަތައް މާލެ އާއި އަތޮޅު ތަކުގައި މިވަނީ ހުޅުވާފައެވެ .އެތަން ތަންތަނަކީ އެމީހުންގެ ބަހުން "ދޭސީ ދުކާން" އެވެ. ދިވެހި ދުކާންތަކަށް ވުރެ އެބުނާ "ދޭސީ ދުކާން" ތައް މާލޭގައި މިހާރު ގިނައެވެ. އަދި ކައިރީގައި ދިވެއްސަކު ހިންގާ ފިހާރައެއް ހުރެއްޖެނަމަ މުދަލުގެ އަގު ވައްޓާލަނީ ގަންނަ އަގަށްވުރެވެސް ދަށްކޮށެވެ. އެނގިފައިވާގޮތުން މިހަލަ ގިނަ ފިހާރަތަކުގައި ހުންނަ މުދަލަކީވެސް ގުދަންތަކުން ގުޅިގެން ވަގަށް ނަގާފައި ހުންނަ މުދާތަކެވެ.

ބިދޭސީންގެ ބާރު އިގްތިސާދުގައި ވަރުގަދަ ވަމުން އަންނައިރު މިއަދު ދިވެހިން މިތިބީ މި ބިމުގައި "ސެކަންޑް ކްލާސް ސިޓިޒަން" އަށްވެފައެވެ.

ރާއްޖޭގައި ހިންގާ ބޯކޮށާ ތަންތަނުން މިއަދު ދިވެހިންގެ ބޯ ކޮށައިދެނީ 25 ރުފިޔާ އާއި 50 ރުފިޔާ އާއި ދެމެދުގެ އަގުތަކުގައެވެ. ނަމަވެސް އެ ބޯކޮށާ ތަންތަނުން ބިދޭސީންގެ ބޯ ކޮށާ ދެނީ 15 ރުފިޔާއަށެވެ. އެކަމާއި ބައެއް ފަހަރު ދިވެހިން ޝަކުވާ ކުރުމުން ބިދޭސީން ދެނީ ކުރި ޖަވާބެކެވެ. ރެމިޓެންސް ފީ އާއި ވިސާ އަދި އިންޝޫރެންސް ދައްކަން ގިނަ ފައިސާ ބޭނުންވާ ކަމަށެވެ. އަދި ދިވެހިން މި މަސައްކަތް ނުކޮށް ތިމަންނާ މެންނަށް ބަރޯސާ ވަނީ ކީއްވެތޯ ބުނެ އެމީހުންގެ ބާރު ދައްކާލައެވެ.

ރާއްޖެއަށް އެތެރެވާ ގިނަ ބިދޭސީން ދުވަސްކޮޅަކުން އެމީހުން އެތެރެ ކުރި ކުންފުނި ނުވަތަ މީހާއަށް ފިލައި ރައްކާވެގެން ރާއްޖޭގެ ކޮންމެވެސް ރަށަކަށް ބަދަލުވެއެވެ. މިއީ ބޮޑު ނެޓްވޯކަކުން ގުޅިގެން ކުރަމުން އަންނަ ކަމެކެވެ. މި ފަދަ މީހުން ރާއްޖޭގެ ބައެއް ރަށްތަކުގައި ދަނޑު ހައްދައި، މަހަށް ގޮސް އަދި ބައެއް ރަށްތަކުގައި "އަމިއްލަ" ކޮންސްޓްރަކްޝަން ކުންފުނިތައް ހަދައިގެން މިލިއަނުން ފައިސާ ނަގަނީއެވެ. ރަށް ރަށުގެ ކައުންސިލް ތަކާއި ބައެއް އާއްމުން މި ޝަކުވާ ކުރިއަސް ފުލުހުން އަދި އިމިގްރޭޝަނުން ކުރާ އެއްވެސް މަސައްކަތެއް ނެތެވެ.

މިއަދު ރާއްޖޭގެ ލޯކަލް މާރުކޭޓުގެ ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތް މަތީގައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބިދޭސީން މިއަދު ތަކެތި ހައްދައި ނުވަތަ ވަގަށް ނަގައިގެން ގޮސް އެތަކެތި މާލެ ދަތުރުކުރާ ބޯޓު ފަހަރުގައި ގޮސް ބާލަނީ ލޯކަލް މާރުކޭޓުތަކުގައި ތިބި އެމީހުންގެ ގޮޅިތަކަށެވެ.

ރާއްޖޭގެ އެކި ރަށްތަކުން ކާށި، ދޮންކެޔޮ، ފަޅޮ އަދި އެކިކަހަލަ މޭވާގެ ބާވަތްތައް ވަގަށް ބިނދެ އެތަކެތި ބިދޭސީ ނެޓްވޯކުގައި މާލެ ފޮނުވުމަކީ އާއްމުކަމެކެވެ. މިއަދު އެއީ އެއްވެސް އުނދަގުލެއް ނެތި ބިދޭސީން ހިންގަމުން އަންނަ ބޮޑު ވިޔަފާރިއެކެވެ.

މާލެ ބާޒާރަށް މިއަދު އެންމެ ގިނައިން އެތެރެކުރާ ޕެރިޝަބުލް ބާވަތްތަކަކީ ބިދޭސީން ރާއްޖެ ގެންނަ ތަކެއްޗެވެ. މިއަދުވެސް އިމިގްރޭޝަން، ކަސްޓަމްސް އަދި އިކޮނޮމިކް މިނިސްޓްރީން ބެލިއަސް މިކަން ފެންނާނެއެވެ. އެކަމަކު އެކަން ބެލޭނެ ހިތްވަރެެއް އެެބަހުރި ހެއްޔެވެ؟

ބިދޭސީ ނެޓްވޯކުގެ އިސް ދެމީހަކު ރާއްޖެއިން ޑީޕޯޓު ކުރުމަށްފަހު އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވީ "ދައްކާ ބިރަކަށް ފަހަތަށް ނުޖެހޭނެ ކަމަށާއި، ބިދޭސީންގެ ކަންކަން ހައްލު ކުރައްވާނެކަމަށެވެ. ނަމަވެސް އިމިގްރޭޝަން ކޮންޓްރޯލާގެ އެވާހަކަ ތަކުން އިތުރަށް ބިރުވެރިކަން އުފެދެއެވެ. އެއީ އެ ވިދާޅުވާ ބިރުދައްކާ ބަޔަކީ ކޮން ބައެއްކަން ސާފުކޮށް ނުދިނީތީއެވެ.