Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ހައްޖާއި ގުޅޭ ޕްރޮގްރާމްތައް އަތޮޅުތަކަށް ފުޅާކުރަން އެދިވަޑައިގެންފި

ހައްޖު ކޯޕަރޭޝަންގެ ވެރިންނާއި ނާއިބު ރައީސް ބައްދަލު ކުރައްވަނީ -- ފޮޓޯ / ރައީސް އޮފީސް

ޙައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް މިހާރަށްވުރެ ފުޅާދާއިރާއެއްގައި، ޚާއްޞަކޮށް އަތޮޅުތަކުގެ ރަށްރަށުގައިވެސް ދުރާލައި ހިންގަވައިދެއްވުމަށް ޙައްޖު ކޯޕަރޭޝަނުގެ އިސްވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު އެދިވަޑައިގެންފިއެވެ.

ނާއިބު ރައީސް ފައިސަލް މިކަމަށް އެދިވަޑައިގަތީ މިއަދު ހައްޖު ކޯޕަރޭޝަންގެ އިސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖާޖީންގެ ކަންކަން ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްދެއްވާފައި ވާތީ ޙައްޖު ކޯޕަރޭޝަނަށާއި މީހުން ޙައްޖަށް ގެންދިއުމުގައި ހަރަކާތްތެރިވި އެކި ޖަމާޢަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގައި ދުރާލާ ތައްޔާރީތައް ވުމަށާއި ޙައްޖަށް ގެންދިއުމަށް ފުރުޞަތު ދިނުމުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ޙައްޖުކޯޕަރޭޝަނުގެ ވެރިން ދެއްކެވި ވާހަކަފުޅުގައި ޙައްޖުގެ އަޅުކަމަށް މީހުން ފޮނުވުމުގައި އިތުރަށް ރަނގަޅުކުރުމަށް އެ ކޯޕަރޭޝަނުން ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ. އަދި ޙައްޖު ކޯޕަރޭޝަނަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމުގެ ގޮތުން ވަޤުފު އިމާރާތެއް އެޅުމަށް ބިމެއް ބޭނުންވާކަން ކޯޕަރޭޝަނުގެ ވެރިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޙައްޖާޖީންގެ ކަންކަން ވީހާވެސް ފުރިހަމައަށް ކުރިޔަށްގެންދިއުމަށްޓަކައި ސަޢުދީ ސަރުކާރުން ރާއްޖެއަށް އިތުރަށް ދެއްވާ ކޯޓާވެސް ވީހާ އަވަހަށް ހަމަޖެހޭނެގޮތްވުމުގެ މުހިންމުކަމާ އަދި ޙައްޖުކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ބައެއް ކަންކަން ވެސް އެ ކޯޕަރޭޝަނުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.

ނައިބު ރައީސް ވަނީ ޙައްޖު ކޯޕަރޭޝަނުން އެދިވަޑައިގެންނެވި ކަންތައްތަކުގެ ތެރެއިން ސަރުކާރުގެ އެހެން އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިޔަށްގެންދަވަންޖެހޭ ކަންކަން ކުރިޔަށްގެންދަވާނެކަމުގައި ވިދާޅުވެފައެވެ.