ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން އެމްޑީޕީގެ މެންބަރުން މެދުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ސަރުކާރާއި އެކުގައި މަޝްވަރާ ކުރުމަށް އެދިއްޖެއެވެ.
"އައްޑޫލައިވް"އާ ވާހަކަދައްކަވަމުން އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ އެ ގާނޫނަށް ގެންނަ އިސްލާހުގައި އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން ބަންޑާރަ ނާއިބުގެ އަރިހުން އެކަމުގައި މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާ މެދު އާންމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މިހާރު ގާނޫނުގައި އޮތް ގޮތަށް ވުރެ ފުޅާކޮށް ޓެރަރިޒަމް މާނަކޮށްފައިވެއެވެ.
އެގޮތުން ޓެރަރިސްޓު ޖަމާއަތެއްގެ މެމްބަރު ކަމަށް ނުވަތަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަން ދޭހަވާ ފަދަ އަންނައުނެއް އާންމު ތަނެއްގައި ލުމަކީ ވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.މި ކުށް ކުރާ މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.
މީގެއިތުރުން މި ބިލުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ވެސް ހިމަނާފައިވާއިރު، ބައެއް ފަރާތްތަކުން އަންނަނީ ފުލުހުންގެ މުއައްސަސާގެ އިތުބާރު އާންމުންގެ މެދުގައި ކުޑަވެފައިވާ ދަނޑިވަޅެއްގައި ބޮޑެތި ބާރުތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނަމުންނެވެ.