Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ބާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ބާ ކައުންސިލްގެ މެންބަރުން -- ފޮޓޯ / ރައީސް އޮފީސް

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބާ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ އިންތިހާބު އޮންނާނީ މި މަހުގެ 28ވަނަ ދުވަހު ކަމަށެވެ. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ 15:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އެ އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ މަރުކަޒު، ކަމަށް ބާ ޖަމާލުއްދީނަށް ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

އެ ތަކެތި ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށްވެސް ބާ ކައުންސިލުން ބުނެއެވެ. ތަކެތި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން ފެށިގެން މެންދުރުފަހު 15:00އާ ހަމަށް ތަކެތި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮންނާނެ ކަމަށްވެސް ބާ ކައުންސިލުން ބުނެއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް ކުރިމަތިލާ ފަރާތަކީ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް ބާ ކައުންސިލުން ބުނެއެވެ. ހަމައެއާއެކު ޤާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައިވެސް ވެގެން ނުވާނެ ކަމަށް ބާ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، މި މަހުގެ 28ވަނަ ދުވަހުގެ ހެނދުނު 9:00 ން މެންދުރުފަހު 15:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29ވަނަ ދުވަހުއެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީއަށް މެންބަރު އިންތިހާބު ކުރުމަށް ނިންމާފައި މިވަނީ އެ ކޮމެޓީއަށް އިންތިހާބުވި އައިޝާ ޝުޖޫނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ލިބިވަޑައިގަތުމާއި ގުޅިގެން އެކަމަނާ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.