Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ ރައްކާތެރި ކޮށްދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު --

ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގެއް ހިމާޔަތް ކޮށްދީ ރައްކާތެރި ކޮށްދޭނެ ކަމުގެ ޔަގީން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެއްވައިފިއެވެ.

މިއަހަރުގެ ޑިމޮކްރަސީ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ޑިމޮކްރެސީގެ އެންމެ ކުރު ތަޢާރަފަކީ، ރައްޔިތުންގެ ތެރެއިން ރައްޔިތުން އިޚްތިޔާރުކުރާ ބަޔަކު، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށްޓަކައި ދައުލަތް ހިންގައިދިނުން ކަމަށެވެ. އެކަމަށް ބަލާއިރު، ޤައުމުގެ ކަންކަން ކަނޑައެޅުމުގައި، ރައްޔިތުން ބައިވެރިވުމަކީ ކިހާ މުހިންމު ކަމެއްކަން، މިދިޔަ މަދު އަހަރުތަކުގައި، ހުރިހާ ދިވެހިން ތަޖުރިބާ ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ އަސާސީ އެތައް ޙައްޤެއް ނިގުޅައިގަނެ، އެތައް މިނިވަންކަމެއް ހިފެހެއްޓުމުން، ޤައުމަށް ލޮޅުން އަރައިގެންދިޔަ މިންވަރު ވަޒަންކުރެވިއްޖެ ކަމަށާއި ދައުލަތް ހިންގުމުގެ ނިޒާމު ފާލުން ނެއްޓި، މުއައްސަސާތައް ބަލިކަށިވެ، އެކަންކަމުގެ ގެއްލުންވެސް ދިވެހި ރައްޔިތުން އިހުސާސް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެފަދައިން ރައްޔިތުންގެ ބައިވެރިވުމާއެކު، ޑިމޮކްރެސީގެ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމުން، ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާ ގޮތްވެސް، މިދިޔަ އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުން ޢަމަލީ ގޮތުން ތަޖުރިބާ ކޮށްފައިވާ ކަމަށް ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.

"މިއަހަރުގެ ޝިޢާރަކީ، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި، ރައްޔިތުން ބައިވެރިވެ، އެމީހުން އެދޭ ގޮތް ހާމަކޮށް، ބަސް ބުނުމުގެ މުހިންމުކަން ހަނދާންކޮށްދީ، އެކަމަށް ބާރުއަޅާ ޝިޢާރެކެވެ. ޑިމޮކްރެސީއަކީ އެންމެންގެ ޝާމިލުވުމާއި އެންމެންނާމެދު ހަމަހަމަކަމާއެކު މުޢާމަލާތު ކުރުމާއި، އެންމެންގެ ބައިވެރިވުމުގެ މައްޗަށް ބިނާވެފައި އޮންނަ ހަމަތަކެކެވެ. އަދި އެއީ، ދެމެހެއްޓެނިވި ތަރައްޤީއާއި އިންސާނީ ޙައްޤުތަކާއި ޞުލްޙަމަސަލަސްކަން ދަމަހައްޓައިދިނުމުގެ އަސާސީ ބަހާވެސްމެއެވެ." ރައީސް ވިދާޅުވިއެވެ.

ޑިމޮކްރެސީއަކީ ރައްޔިތުން އެދޭ ގޮތަށް ޤައުމުގެ ކަންކަން ހިންގުން ކަމަށްވާއިރު، ރައްޔިތުން އެދޭ ގޮތްތައް ކަނޑައެޅިފައި ހުރީ، ރައްޔިތުންގެ މަންދޫބުން އެކަށައަޅާފައިވާ ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ކުރަހައިދޭ އިމުގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ރައްޔިތުންގެ ވެރިކަމަކީ ޤާނޫނުގެ ވެރިކަން ކަމަށާއި ޤައުމުގެ ކޮންމެ ފަރުދަކުމެ އަދި ކޮންމެ މުއައްސަސާއެއްމެ، ޤާނޫނަށް ބޯލަނބައި ކިޔަމަންގަތުމުގެ މައްޗަށް ބިނާވެފައި އޮންނަ ވެރިކަމަކީ ގާނޫނުގެ ވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ އެކަމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން، ރައްޔިތުންގެ ކޮންމެ ފަރުދަކުމެ، އެއްވެސް އިސްތިސްނާއެއް ނެތި ޝާމިލުވާނެ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޤައުމުގެ ކަންކަން ބަދަލުވެފައިވާއިރު، މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، އިންސާނީ ޙައްޤުތަކާއި، އަސާސީ ޙައްޤުތައް ޙިމާޔަތް ކުރުމާއި ރައްކާތެރިކޮށްދިނުން ކަމަށެވެ.

"އޭގެ ތެރެއިންވެސް އެންމެ އިސްކަން ދޭންޖެހިފައިވަނީ، ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތް ކޮށްދިނުމަށެވެ. ޢަދުލުވެރިކަމާއި ހާމަކަމާއެކު، އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ނަގަހައްޓައިދިނުމަށެވެ. ވަޒީފާ އަދާކުރުމާއި އާމްދަނީ ހޯދުމުގެ ޙައްޤު ރައްކާތެރި ކޮށްދިނުމަށެވެ." ހިތާބުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ފުރިހަމަ ގޮތުގައި ބޭނުން ހިފާނަމަ، ޑިމޮކްރެސީއަކީ ކޮންމެ ޤައުމަކަށް އަދި ކޮންމެ މުޖްތަމަޢަކަށްވެސް، އުޖާލާކަމާއި އުފާވެރިކަން ގެނެސްދޭނެ ހަމަތަކެއް ކަމަށެވެ. އަދި އެއީ އެބައެއްގެ ޘަޤާފަތާއި، އެބައެއްގެ ޢަޤީދާއާ ފުށުނާރާ ގޮތަށް، އެ މުޖުތަމަޢަކަށް ފައްކާކުރެވޭ ހަމަތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ އުސޫލުން، ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސް ސާލިހުގެ ހިތާބުގައި ވިދާޅުވިއެވެ.