ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ޝަހީމްއާ މިނިސްޓަރު ޝާހިދު ބައްދަލު ކުރައްވާފައި މިވަނީ މިނިސްޓަރު ޝާހިދު މިއަދު އޮތް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހަވާސާގެ ތެރެއިންނެވެ. ޝަހީމަކީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެވެ. ޝަހީމް ވަނީ ފޮރިން މިނިސްޓަރު ޝާހިދާއި އެކު ނަންގަވާފައިވާ ފޮޓޯއެއް ޕޯސްޓު ކުރައްވާ، މިނިސްޓަރު ޝާހިދާއި ބައްދަލުވެވުނީ އުފާ ކުރައްވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.
އޯއައިސީގެ ބައްދަލުވުމުގައި މިފަހަރު އޮތީ ފަލަސްތީނާއި ގުޅޭ މައްސަލާގައި މަޝްވަރާ ކުރުމެވެ. ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ބައްދަލުވުމުގައި ކުރިއަށް އޮތް އދގެ އާއްމު މަޖިލީހުގައި ފަލަސްތީނަށް ފުރިހަމަޔަށް ތާޢީދުކޮށް، ފަލަސްތީނު މައްސަލައިގައި އާއްމު މަޖިލީހަށް ހުށަހެޅޭ ޤަރާރުތަކުގައި އެޤައުމާއި އެއްކޮޅަށް ވޯޓުލާނެކަން މިނިސްޓަރު ޝާހިދު ވަނީ އިއުލާން ކުރައްވާފައެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ފަލަސްތީނުގެ މައްސަލަގައި ދިވެހިން ތިބީ އެޤައުމާއި އެކުގައިކަމަށާއި، އެކަމަށް ބަދަލެއް ނާންނާނެކަމަށެވެ. އަދި މުސްލިމް އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނެކޭ އެއްފަދައިން މިނިސްޓަރ ޝާހިދުވެސް ވަނީ، ކުރިއަށް އޮތް އިސްރާއީލުގެ އާއްމު އިންތިޚާބު ކާމިޔާބުވެއްޖެނަމަ ފަލަސްތީނުގެ އުރުދުން ވާދީއާއި އެހެން ބައެއް ސަރަހައްދުތައް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖައްސަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ވިދާޅުވުން ކުށްވެރިކުރައްވާފައެވެ.
ޝަހީމްއާ މިނިސްޓަރު ޝާހިދާއި ދެބޭފުޅުން ބައްދަލު ކުރެއްވިިއިރު ޝަހީމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެންނެވިއިރު އެމަނިކުފާނުގެ ރަނިން މޭޓެވެ.