Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ހުޅުމީދޫ ބޮޑު މަގު: 5 މަހުން ނިމުނީ 15 ޕަސެންޓު: އެމްޓީސީސީ

ހުޅުމީދޫ ބޮޑު މަގުގެ މަސައްކަތުގެ 15 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ހުޅުމީދޫ ބޮޑު މަގާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެމްޓީސީސީއަށް ތަފާތު ފަހަރުމަތިން ގުޅުމުން އެކުންފުނިން ބުނީ ހުޅުމީދޫ މަގުގެ 15 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. ހުޅުމީދޫ މަގު ހެދުން އެމްޓީސީސީ އާއި ހަވާލު ކުރެވުނީ ނިމިގެން ދިޔަ މަޖްލިސް އިންތިހާބު ބޯމަތިވެފައިވަނިކޮށް 4 އެޕްރީލް 2019 ގައެވެ.

ނައިބް ރައީސް ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވި މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލު ކުރެވިފައިވަނީ 8 މަސް ދުވަހުގެ ތެރޭ މަސައްކަތް ނިންމުމަށެވެ. އެ ތާރީހުން ބަލާނަމަ މިހާރުވެސް 5 މަސް ފާއިތުވެގެން ހިނގައްޖެއެވެ.

އެމްޓީސީސީން ބުނީ ހުޅުމީދޫ ބޮޑު މަގު ހެދުން ލަސްވެފައިވަނީ އީއައިއީ ރިޕޯޓު ލިބުން ލަސްވުމާއި، މަގަށް ބަަދަލު ގެންނަން ޖެހުމުގެ ސަބަބުންނެވެ.

ހުޅުމީދޫ ބޮޑުމަގު ހެދުން ލަސްވާތީ އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ އިތުރުން ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީވެސް ވަނީ މަސައްކަތުގެ ސްޕީޑު ލަސްކަމުން ޝަކުވާކޮށްފައެވެ.

ސަރުކާރުގެ ގިނަ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މަސައްކަތުގެ ސްޕީޑު އަދި ދަނީ ވަރަށް ލަސްކޮށެވެ.