Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

މަރަދޫފޭދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އައިސީޔޫގައި

މަރަދޫ ފޭދޫގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގާއި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިޔަ އޮފިޝަލް ވިދާޅުވީ މަރަދޫގައި ދެ ސައިކަލު ޖެހި އެކްސިޑެންޓު ވެފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 17:55 ހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އައިސީޔޫގައި ފަރުވާ ދެމުން ދަނީ އެތަނުން އެއް ސައިކަލު ދުއްވަން އިން މީހާ އަށެވެ. އޭނާގެ ބޯފަޅައިގެން ގޮސް އެކި ވަރުގެ އަނިޔާވަނީ ލިބިފައެވެ.

މިހާދިސާގައި އަނެއް ސައިކަލުގައި ތިބި މީހުން ވަނީ އެކްސިޑެންޓުވުމާއެކު އެ ސަރަހައްދުން ފިލާފައެވެ. ފުލުހުން ބުނީ އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.