Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އިސްލާހުގައި ހައްގުތައް "މާބޮޑަށް" ހަނި ނުުކުރަން: ސަރުކާރު

‎ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް ހަނިކޮށްފައިވާ ކަމަށް ބުނެ ދެކެވެނީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ސަރުކާރުން ބުނެފިއެވެ.

‎ޓެރަރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެގޮތުން އެގާނޫނުގައި ބައެއް ހައްގުތައް މާބޮޑަށް ހަނިކޮށްފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

‎ރާއްޖެ ޓީވީގެ ފަލަ ސަރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ ގާނޫނު އަސާސީން ލިބިދޭ ހަނު ހުރުމުގެ ހައްގު މިހާރުގެ ޓެރަރިޒަމްގެ ގާނޫނުން ހަނި ކޮށްފައިވާއިރު މިހާރު ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި އެ ހައްގު ލިބިދޭ ގޮތަށް ކުރިން އޮތް މާއްދާ އުވާލާފައިވާ ކަމަށެވެ.

‎އަފީފު ވިދާޅުވީ ޓެރަރިޒަމްގެ އަމަލެއްގެ ތުހުމަތުގައި މީހަކު ހާޒިރުކޮށް މައްސަލަ ބަލަމުން ދާއިރު ހަނު ހުރުމުގެ ހައްގު ނިގުޅައި ގަނެވިގެން ނުވާނެ ކަމަށެވެ.

‎"ކުރީގެ ޓެރަރިޒަމްގެ ގާނޫނުގައި އެ ހައްގު އޮތް ގޮތަށް އެ ހައްގު އުނިކޮށްފައި އޮތުމަކީ ބޭކާރު ކަމެއް. މި އިސްލާހުން އަޅުގަނޑުމެން މި ކުރި ކަމަކީ އެ ހައްގު ލިބިދިނީ. އެހެންވީމަ މާގިނަ ހައްގުތަކެއް ދިމިކްރާތީ އެހެންވެސް ގައުމުތަކުގައި ހިފަހައްޓާފައި ނުވާ މިންވަރަކަށް މި އިސްލާހުން ހިފަހައްޓާފައެއް ނުވާނެ،" އަފީފު ވިދާޅުވި އެވެ.

‎އަފީފު ވިދާޅުވީ ޓެރަރިޒަމްގެ ކުށްތަކަކީ އާދައިގެ ކުށްތަކެއްގެ ގޮތުގައި ބަލައިގަނެގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދެމީހަކު މަގުމަތީގައި ޒުވާބު ކުރުމަށް ފަހު ހިންގާ މާރާމާރީއަކީ ޓެރަރިޒަމް ނޫން ކަމަށެވެ.

‎"މި ބިލުގައި އާދަޔާ ހިލާފަށް ބޮޑަކަށް އެއްވެސް ހައްގެއް ހިފަހައްޓާފައެއް ނޯންނާނެ. ޖަސްޓިފައިބަލް މިންވަރަކަށް ހިފަހައްޓާފައި އޮތަސް އޮންނާނީ،" އަފީފު ވިދާޅުވި އެވެ.

‎އަފީފު ވިދާޅުވީ ސަރުކާރުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ޖެހުނީ ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރަށް ބަލާ، އެކަމުން ދިވެހި ގައުމު ސަލާމަތް ކުރުމުގެ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކަމަށެވެ.

‎ސަރުކާރުން ގެންނަން ހުށަހަޅާ އިސްލާހުގައި ޓެރަރިޒަމް މާނަކޮށްފައި ވަނީ ވަކި ސިޔާސީ އަދި ދީނީ ނުވަތަ ހައްދުފަހަނައެޅި ވިސްނުމެއް ކުރިއެރުވުމަށްޓަކައި، އެ ނޫން ވެސް ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި މީހުންނަށް ގެއްލުން ދިނުމަށް އަމަލެއް ހިންގުމަކީ ޓެރަރިޒަމްގެ ގޮތުގަ އެވެ.