Last Updated: April 26, 05:50
Friday, April 26, 2024
ޚަބަރު

އެންސީއައިޓީގެ ތެރެއިން ހިންގި ބޮޑު ވައްކަމެއް ފަޅާ އަރައިފި

އަޝްމަލީ -- ފޮޓޯ / އަވަސް

ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީން) ހިންގި 4.4 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ހިންގިކަން ފަޅާ އަރައިފިއެވެ.

މިކަން ފަޅާ އެރީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އެދިވަޑައިގަތުމަކަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދިޔަ އެންސީއައިޓީގެ ހާއްސަ އޮޑިޓަކުންނެވެ.

އެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެންސީއައިޓީން ކުރިއަށް ގެންދިޔަ އެކްޓިވް ޑައިރެކްޓަރީ އަދި އެކްސްޗޭންޖު ސާވާ ޑިޒައިންކޮށް ގާއިމްކުރުމަށް ބޭނުންވާ ހާޑުވެއާ ގަތުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދާފައިވަނީ ޓެންޑާ ބޯޑުން އިއުލާނު ކޮށްގެން ކަމަށާއި ނަމަވެސް އެ އިއުލާނަށް ބީލަން ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ބުނެފައިވަނީ އެންމެ ފަރާތަކުން ބިޑު ހުށަހެޅުމުން ދައުލަތުގެ މާލިއްޔަތު ގާނޫނާއި މުޅިން ހިލާފަށް އިތުރު ބިޑަކަށް ހުޅުވާވެސް ނުލައި އެ މަސައްކަތް ކުރުމަށް ހަމައެކަނި ބިޑު ކުރި ފަރާތަށް 4.4 މިލިއަން ރުފިޔާގެ މަޝްރޫއު އެންސީއައިޓީން ހަވާލުކުރި ކަމަށެވެ.

އިތުރަށް ރިޕޯޓުގައި ބުނެފައިވަނީ އެކްޓިވް ޑައިރެކްޓަރީ އަދި އެކްސްޗޭންޖު ސާވާ ޑިޒައިންކޮށް ގާއިމް ކުރުމަށް ބޭނުންވާ ހާޑުވެއާ ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ހަވާލުވި ކުންފުނިން ހާޑުވެއާ ސަޕްލައި ކޮށްދެންޖެހޭ މުއްދަތުގެ ތެރޭގައި އެތަކެތި ސަޕްލައި ކޮށްދިން ނަމަވެސް، އެންސީއައިޓީގެ އިންޓާނަލް އީމެއިލްތަކުން އެނގޭ ގޮތުގައި އެތަކެތި އިންސްޓޯލްކޮށް އެއާގުޅޭ ތަމްރީނު ދީފައިވަނީ މަސައްކަތުގެ މުއްދަތުގެ 85 ދުވަސް ފަހުން ކަމަށެވެ.

އަދި އެ ލަސްވި ލަސްވުމަށް 658،101 ރުފިޔާ، އެތަކެތި ސަޕްލައި ކޮށްދިން ކުންފުންޏަށް މަސައްކަތުގެ ހަމަ އަގު ދިނުމުގެ ކުރިން އުނި ކުރަން ޖެހުނު ނަމަވެސް އެ ކުންފުންޏަށް ފައިސާ ދީފައިވަނީ އެއްވެސް އުނި ކުރުމެއް ނެތި ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓު ރިޕޯޓުން ދެން ފާހަގަވި އަނެއް ކަމަކީ މި މަސައްކަތް ހަވާލުކުރި ކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ ތެރެއިން ތިން މިލިއަން ރުފިޔާ ދީފައިވާއިރު މާލިއްޔަތު ގާނޫނާއި ގަވާއިދާއި ހިލާފަށް މަސައްކަތް ނުނިމެނީސް ބާކީ ހުރި ފައިސާވެސް ދީފާ ކަމެވެ. މަސައްކަތް ހަވާލުކުރި ކުންފުންޏާއި އެކު ވެވުނު އެއްބަސްވުމުގައި 8 ހަފްތާގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެ މަސައްކަތް ނިންމާފައިވަނީ 33 ހަފްތާގައި ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ވައްކަން ހިނގައިގެން ދިޔައިރު އެތަނުގެ އިސްވެރިއަކަށް ހުންނެވީ މުހައްމަދު އަޝްމަލީއެވެ. އޭނާއަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށްވެސް ހުންނެވި ބޭފުޅެކެވެ. އަދި ދިރާގުގެ ޗެއާމަނަކަށްވެސް ކުރީ ސަރުކާރުގައި ހުންނެވީ އަޝްމަލީއެވެ. އޭނާ މީގެކުރިން ވިދާޅުވެފައިވަނީ އޭނާ ކުރި މަސައްކަތެއް ކޮށްފައިވާނީ އިހުލާސްތެރިކަމާއި އެކުގައި ކަމަށެވެ.