Last Updated: March 29, 09:42
Friday, March 29, 2024
ޚަބަރު

މިއަހަރު ނިމޭއިރު މިފްކޯއަކީ ގެއްލުނުވާ ކުންފުންޏަކަށް ހަދާނަން: އަމްރު

މަރަދޫ ބޭރުގައި އޮތް މިފްކޯގެ ބޯޓަކަށް ދޯންޏަކުން މަސްކިރަނީ.

މިއަހަރު ނިމޭއިރު މިފްކޯއަކީ ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް ހައްދަވާނެކަމަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

މިފްކޯގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މަސްވެރިން ބާނާ މަސް ކިރާނެ އިންތިޒާމު މިފްކޯގައި ނެތްއިރު މިފްކޯއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތައް ވެސް އެހާމެ ބޮޑު ކަމަށެވެ. މިހާތަނަށް މިފްކޯ ގެއްލުމުގައި ހިންގަމުން ދިޔަނަމަވެސް މި ސަރުކާރުން މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހަދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކޮންމެ އަހަރަކު ގެއްލުން އިންތިހާއަށް ބޮޑުވޭ. މިއަހަރު އަލަށް މި ކުންފުނީ ގެއްލުން ނުވެ ހިންގާ ކުންފުންނަކަށް ހަދާނަން." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މިފްކޯ އިތުރަށް ފުޅާކޮށް، މަސް ގަނެ ޕްރޮސެސްކުރާ މިންވަރު އިތުރުކުރުމަށް ބޭނުންވާ މާލީ އެހީ ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިފްކޯއިން މަސް ފިނިކޮށް ރައްކާކުރާ މިންވަރާއި، މަސް ދަޅުގައި ބަންދު ކުރާ މިންވަރު އިތުރުކުރުމަށް އަންނަ އަހަރު މަސައްކަތް ފަށާނެ ކަމަށެވެ. އެކަމުގެ ޕްލޭން ހަދައި ކުރެހުންތައް ވެސް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯއިން މިދުވަސްވަރު އެވަރެކްޖްކޮށް 200 ޓަނުގެ މަސް މަސްވެރިންގެ އަތުން ގަންނަމުންދެއެވެ. މިފްކޯގެ މަސް ފިނިކުރެވޭ ކެޕޭސިޓީއަކީ 750 ޓަނެވެ. އަދި މީގެތެރެއިން ދުވާލަކު ދަޅުގައި ބަނދުކޮށް ޕްރޮސެސް ކުރެވެނީ 65 ޓަނުގެ މަހެވެ.