Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ބިދޭސީންގެ މައްސަލަތައް މިފަހަރު ހައްލު ކުރާނަން: ފައްޔާޒު

ގަވާއިދާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަތައް މިފަހަރު ހައްލު ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ކޮށްފައިވާ ޓްވީޓަކަށް ރިޕްލައި ކުރައްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ވިދާޅުވީ ރާއްޖޭގައި ގާނޫނާއި ގަވާދުތަކާއި ހިލާފަށް ބިދޭސީން އުޅެމުން އަންނަތާ 30އަކަށް އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ބިދޭސީންގެ މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވިއިރު މިއަދު އޮތް ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ހުށަހެޅު ކަރުދާހަކަށް މަޝްވަރާ ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވަނީ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުމަށާއި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށެވެ.

މި ސިޔާސަތުގައި ޤާނޫނާ ޚިލާފަށް ޤާނޫނީ އިމުން ބޭރުން ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅެމުން ގެންދާ ބިދޭސީންގެ ކަންކަމަށް ހައްލެއް ހޯދުމާއި، އިޤްތިޞާދީ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އިންތިޒާމު ކުރުން ހިމެނެއެވެ.

މިގޮތުން، ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ އައުމަށްފަހު، ޤާނޫނާ ޚިލާފަށް، ޤާނޫނީ އިމުން ބޭރުގައި މަސައްކަތް ކުރަމުންދާ ފަރާތްތައް، ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމަވާފައެވެ.

މީގެއިތުރުން ޤާނޫނާ ޚިލާފަށް ބިދޭސީން ރާއްޖެ ގެނައުމާއި، ރާއްޖޭގައި ގެންގުޅުމާއި، ޤާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާކޮށް، އަޅާނެ ފިޔަވަޅުތަކެއް ޤާއިމްކުރުމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުމަށް، ހުށަހެޅިފައިވާ ގޮތަށް "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް" ގެ ނަމުގައި ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ވެސް ވަނީ ނިންމަވާފައެވެ.