Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ސްކޫލެއްގައި ހިންދޫ ދީނުގެ ހަރަކާތެއް ހިންގި މައްސަލަ ފުލުހަށް

ކުޅުދުއްފުށި އަމީރު އަމީން ސްކޫލް

ހދ. ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުގައި އިންޑިއާގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލްގައި އިންޑިއާގެ ދީނީ ހަފްލާއެއް ފާހަގަކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ ފޮޓޯތަކެއް ދައުރުވިއެވެ. އެ ފޮޓޯތަކުން ފެންނަނީ އިންޑިއާގެ ސަގާފީ "ރަންގޯލީ"އެއް ހަދާފައި ހުރި މަންޒަރެވެ. އެއީ ގޮވާންކުރާ ދުވަސްވަރާ ދިމާކޮށް، އިންޑިއާގެ ކެރެލާ ސްޓޭޓުގައި ފާހަގަކުރާ "އޯނަމް ފެސްޓިވަލް" ފާހަގަކުރުމަށް ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ އެ މައްސަލަ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެކަމުގެ ހަގީގަތް އެ މިނިސްޓްރީން ބަމަލުންދާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މިހާރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް މި ވާހަކަތައް ކުޅުދުއްފުށީ ކައުންސިލުން އަންނަނީ ދޮގު ކުރަމުންނެވެ. އެ ކައުންސިލުން ބުނީ އެއީ އެ ސްކޫލުގެ ޓީޗަރުން ބޭއްވި "ގެޓްޓުގެދާ"އެއް ކަމަށެވެ. އަދި ދީނާއި ހިލާފު އެއްވެސް ހަރަކާތެއް އެތަނުގައި ހިނގާފައި ނުވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.