Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޗައިނާ ސަފީރު ނަޝީދަށް: ޗައިނާއަށް އިނގިލި ދިއްކޮށްގެން ލިބޭނެ މޮޅެއް ނެތް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޗައިނާ ސަފީރު - ފޮޓޯ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ޗައިނާއަށް ކުރަމުން ގެންދާ ތުހުމަތަކެއް ބަލައި ނުގަނެވޭނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "އަަވަސް"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއެއްގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ރައީސް ނަޝީދުގެ އެ ތުހުމަތުތައް ބަލައިނުގަނެވޭ ސަބަބަކީ އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތުމުން ކަމަށެވެ. ޗައިނާ ސަފީރާއި ރައީސް ނަޝީދާއި ވަކިން ދެ ފަހަރެއްގެ މަތިން ބައްދަލު ކުރައްވާފައިވާކަން ފާހަގަކުރައްވާ ސަފީރު ޖަންގ ލިޖޮންގް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާބެހޭ ގޮތުން ވަރަށް ފުޅާކޮށް މަޝްވަރާ އެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

"އެ ބައްދަލުވުންތަކުގައި ނަޝީދު ވަނީ ޓޫރިޒަމާއި، އިންވެސްޓް އަދި ތިމާވެށި ހިމާޔަތް ކުރުމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތަކަށް ވަރަށް ތައުރީފު ކުރައްވާފައި. އެހެންވީމާ، ނަޝީދުގެ ވާހަކަފުޅުން އަޅުގަނޑަށް ދޭހަވީ، ދެ ގައުމުގެ ގުޅުމަށް އެމަނިކުފާނު ވަރަށް ސަޕޯޓު ކުރައްވާ ކަން. އަދި ނަޝީދުގެ ވެރިކަމުގައި ވެސް ޗައިނާ – ރާއްޖޭގެ ގުޅުން އޮތީ ވަރަށް ރަނގަޅަށް. އެކި ދާއިރާތަކުން އޭރުވެސް ޗައިނާ އިން ރާއްޖެއަށް ގިނަ އެހީތަކެއް ވަނީ ވެފައި،" ޗައިނާގެ ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ދެ ގައުމުގެ ގުޅުމާމެދު ނަޝީދުގެ ވިސްނުންފުޅު ހުރި ގޮތް ސީދާ ދިވެހި ރައްޔިތުންނަށް ނަޝީދު ސާފުކޮށްދެއްވަން ޖެހޭ ކަމަށެވެ.

ސަފީރު ވިދާޅުވީ ރާއްޖެ ދަރަނިވެރި ކުރުވައިގެން ދިވެހީންގެ ބިންތައް ޗައިނާއިން ފޭރިގަންނަން އުޅޭ ކަމަށް ވިދާޅުވެ ކުރައްވާ ތުހުމަތުތަކުން ހަގީގީ މައްސަލައަށް ހައްލެން ނުލިބޭނެ ކަމަށެވެ. އަދި ހަމައެކަނި ޗައިނާއަށް ތުހުމަތުގެ އިނގިލި ދިއްކޮށްގެން ލިބޭނެ މޮޅެއް ވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަބަބަކީ ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް. ރާއްޖެ ތަރައްގީ ކުރުމަށް ޗައިނާއިން ވަނީ މުހިއްމު އެހީތަކެއްވެފައި. ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ، އިހުތިރާމާއި، އިތުބާރާއި ހަމަހަމަ މަންފާގެ މަތީގައި. އެކަމަކު ދަރަނީގެ މައްސަލާގައި ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ގަބޫލު ކުރެވޭ. ނަމަވެސް، ދަރަނީގެ މައްސަލަ ސިޔާސީ ކޮށްގެންވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ނުރަނގަޅު މައުލޫމާތުތަކެއް ބޭނުން ކޮށްގެން ޗައިނާ ބޮލުގައި އިލްޒާމް އެޅުވުމުން، ހަގީގީ މައްސަލައަށް ދޭންޖެހޭ ސަމާލުކަން އެނބުރިގެންދޭ. ސަބަބަކީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ބައިވެރިއެއް،" ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ރާއްޖޭން ވަނީ އެކި ގައުމުތަކާއި ބޭރުގެ މާލީ އިދާރާތަކުން ލޯނުތައް ނަގާފައިވާ ކަމަށެވެ. އެހެންކަމުން، މުސްތަގުބަލުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާއިރު، އެ މައްސަލައަށް ބިނާކުރަނިވި މަޝްވަރާތައް ބޭނުންވާ ކަމަށް ސަފީރު ވިދާޅުވިއެވެ. އެ މައްސަލަތައް ހައްލު ކުރެވޭނެ މަގެއް ހޯދަން މަސައްކަތް ކުރުން ރާއްޖެއަށް މިއަދު މާ މުހިއްމު ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރު މިފަދައިން ވާހަކަދައްކަވާފައިވާއިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގައެވެ. މި ދަތުރުފުޅުގައި ޗައިނާގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.