ދިވެހިރާއްޖޭގައި، މިވަގުތު ވެރިކަން ކުރަމުން އަންނަނީ ކޮންމެ ޕާރޓީއަކުން ކަމުގައި ވީނަމަވެސް އަދިވެސް ބަދަލު ނުވާ އެއް ކަމެއް އެބައޮތެވެ. އެއީ އައްޑޫސިޓީގައި އެމް.ޑީ.ޕީ އަށް އޮތް ތާއީދެވެ. ލަފާ ކުރެވޭ ގޮތުގައި އައްޑޫސިޓީގެ 50 އިންސައްތަ ނޫނީ އެއަށްވުރެވެސް ގިނަ މީހުން އަދިވެސް ތާއީދު ކުރަނީ އެމް.ޑީ.ޕީ އަށެވެ.
ދާދިފަހުން އެމް.ޑީ.ޕީ އިން އައްޑޫސިޓީގައި ބޭއްވި ވައުދުގެ ދަތުރުގެ ޖަލްސާއަށް ބަލާލުމުން ވެސް މިކަން ހާމަވެގެން ދެއެވެ. ސާރކް ސަމިޓް ބޭއްވިއިރުވެސް ނުުފުރި އޮތް ކޮންވެންޝަން ސެންޓަރުގެ ހޯލު އެރޭ އޮތީ ފުރި ބާރުވެފައެވެ. މީގެ އިތުރުން ސިޔާސީ ޕާރޓީތަކުގެ ތެރެއިން އާންމު މެމްބަރުން އައްޑޫސިޓީގައި އެންމެ ހަރަކާތްތެރި ޕާރޓީއަކީވެސް ހަމަ އެމް.ޑީ.ޕީ އެެވެ.
އެމް.ޑީ.ޕީ މެމްބަރުން އައްޑޫސިޓީގައި ގިނައެއް ކަމަކު، އެކަމުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ކުރެވޭ ތަނެއް ނުފެނެއެވެ. ބިނާ ކުރަނިވި ކަމެއްގައި ޕާރޓީ ޝާމިލު ވާތަން ފެންނަނީ ވަރަށް ވެސް މަދުންނެވެ. ޕާރޓީ ނިޒާމު އެންމެ ފައްކާ ވެފަ އޮތް ޤައުމުތަކުގައި، ސަރުކާރު ޖަވާބުދާރީ ކުރުވާ ތަރައްޤީގެ ދުވެލި އަވަސް ކުރުވުމުގައި ޕާރޓީތަކުން ވަރަށް އިސް ދައުރެއް އަދާ ކުރެއެވެ.
ވަކީން ހާއްސަކޮށް އެ ޕާޓީއެއްގެ ވެރިކަން އޮންނަ ތަނެއްގައި، ވެރިން ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވުމުގައި ޕާރޓީގެ އާންމު މެމެބަރުން ގެ ހިއްސާ ވަރަށްވެސް ބޮޑެވެ. އެއީ އެކަން އޮންނަން ޖެހޭގޮތެވެ. އެއާއި ހިލާފަށް އަޅުގަނޑުމެންނަށް އައްޑޫސިޓީއިން މިފެންނަނީ ވަރަށް ވެސް ތަފާތު މަންޒަރެކެވެ. ޕާރޓީގެ އާންމު މެމްބަރުން ވެފައި މިވަނީ އިންތިހާބު ކުރެވިފައި ވާ ބޭފުޅުން ގެ "ބޯއިން" ނަށެވެ. އަދި ޕާޓީ ހަރުގެ ތަކަކީ ހަމައެކަނި، ގޮސް ޓީވީ ބަލާލާ، އަނގަތަޅާލަން ތިބޭ ތަންތަނަށް މިވަނީ ވެފައެވެ.
އައްޑޫ ސިޓީ ކައުންސިލަކީ ސައްތައިން ސައްތަ އެމް.ޑީ.ޕީ ކައުންސިލެކެވެ. އެހެން ކަމުން، އެކައުންސިލް ޒިންމާދާރުކޮށް، ކައުންސިލުން ކުރާ ކަންތަކާއިމެދު ފާރަވެރިވެ ތިބުމުގެ އެންމެ އިސްދައުރެއް އަދާ ކުރެވޭނެ ބަޔަކީ އައްޑޫސިޓީގެ އެމް.ޑީ.ޕީ މެމްބަރުންނެވެ. ހޮވިފައި ތިބި ކައުންސިލަރުންނަކީ އެމް.ޑީ.ޕީ ކައުންސިލަރުން ކަމަށް ވުމުން، އެ މީހުން ކުރާ ކޮންމެ ކަމެއް "އޯކޭ" ވާ އުސޫލު ދޫކޮށްލަން ވެއްޖެއެވެ.
ޕާރޓީގެ އާންމު މެމްބަރުންނަކީ ހަމައެކަނި މުޒާހަރާކޮށް، ހަޅޭއްލަވައި، އަދި މީނޫވެސް މިކަހަލަ "ހަރު" މަސައްކަތް ކުރަން ތިބި ބަޔަކަށް ހެދުމުގެ ވިސްނުން ދޫކޮށްލަން ވެއްޖެއެވެ. އަދި އެއާއި ހިލާފަށް އެ މެމްބަރުންނަކީ، ޕާރޓީގެ ކާމިޔާބުގެ އަސްލުކަން ހަނދާންކޮށް ކައުންސިލް ޒިންމާދާރުކޮށް ތަރައްޤީއަށްޓަކަށް މަސައްކަތް ކުރާ ބަޔަކަށް ޕާޓީ ވާން އެބަޖެހެއެވެ.