Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ހާއްސަ ސޮފްޓްވެއާއެއް

ޑީޖޭއޭ - ފޮޓޯ: މިހާރު

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތައް އޮޓޮމޭޓްކޮށް، ޝަރުޢީ އަދި އިދާރީ ހިންގުން ހަރުދަނާކުރުމަށް ޓަކައި ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތައް އެއް ވިއުގައަކުން ގުޅައިލެވި، ޑޭޓާ މެނޭޖްކޮށް ރައްކާކުރުމަށް ބޭނުންވާ ޑޭޓާ ސެންޓަރެއް ޤާއިމުކޮށްފިއެވެ.

މި ސޮފްޓުވެއާއަށް ދީފައިވާ ނަމަކީ މޯލްޑިވްސް އީ.ކޯޓު މެނޭޖްމަންޓް ސިސްޓަމް (މެމްސް)އެވެ.

މެމްސް ބޭނުން ކުރުމުގެ އުސޫލުގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ އެންމެހާ ކޯޓުތަކާއި އިދާރާތަކުގެ ކޭސް މެނޭޖު ކުރުމަށާއި ކުށުގެ ރިކޯޑާއި، ވަރިކައިވެނީގެ ރެކޯޑުތަކާއި ސާބިތު ހަރަދުތަކުގެ ރެކޯޑު ބެލެހެއްޓުމާއި ސާބިތު ދަރަންޏާއި ދުވަސްވީ ޝަރުއީ ލިޔުންތައް ދެމެހެއްޓުމާއި ކޯޓުން ނެރެންޖެހޭ އެންމެހައި އަމުރަތައް ނެރުމާއި ޝަރީއަތާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް އަދި ޝަރީއަތާއި ސީދާ ގުޅުންނެތް އިދާރީ މަސައްކަތްތައްވެސް ކުރަންވާނީ މެމްސްގެ ތެރެއިން ކަމަށެވެ.

އަދި ބުނެފައިވަނީ ޝަރުއީ ދާއިރާގައި ބޭނުންކުރާ ރަސްމީ ސޮފްޓުވެއާ އަކީ މެމްސް ކަމަށެވެ. އެހެންކަމުން ޝަރުއީ ދާއިރާގެ އެއްވެސް ކޯޓަކުން ނުވަތަ އިދާރާއަކުން ބަޖެޓުން ހަރަދުކޮށްގެން އިތުރު ސޮފްޓުވެއާ އެއް ޑިވެލޮޕް ކޮށްގެން ނުވާނެ ކަމަށެވެ.