Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ފިލި މައްސަލާގައި މާދަމާ އަދީބަށް ހުކުމް އިއްވަނީ

އަދީބު ކޯޓަށް ވަދެވަޑައިގަންނަވަނީ - ފޮޓޯ: ޝުމްބާ ގޮންގް

‎ސްޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ބޭރަށް ގޮސް ފިލަން މަސައްކަތްކުރި މައްސަލާގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް މާދަމާ ކްރިމިނަލް ކޯޓުން ހުކުމް އިއްވުމަށް ތާވަލު ކޮށްފިއެވެ.

‎އިއްޔެ މި މައްސަލާގައި ޝަރީއަތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އަދީބު ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ފިލަން އުޅުނު ކަމަށް އިއުތިރާފުވެސް ވެފައެވެ. އެހެންކަމުން ގާޒީ ވާނީ ކުރިޔަށް އޮތް ފަސް ދުވަހުގެ ތެރޭގައި އަދީބަށް ހުކުމް އިއްވުން އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލާގައި ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 2:00 އަށެވެ.

‎ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެ މައްސަލާގައި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.

‎އަދީބު ފިލަން މަސައްކަތް ކުރީ ރާއްޖޭން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން އަށް ދިޔަ "ވާގޯ 9" ނަމަކަށްކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން އޮޅުވާލައިގެންނެވެ. ނަމަވެސް އިންޑިއާ އަށް އެތެރެވުމުގެ ކުރިން އެ ގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ އެ ޓަގު ހިފަހައްޓާ، ރާއްޖެ އާ ހަވާލުކޮށްފަ އެވެ.

‎އެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ އަދީބު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ. ނަމަވެސް ފަހުން ސްޕްރީމް ކޯޓުން ވަނީ އަދީބުގެ މައްޗަށް ކުރާ މާބިންހުރާ މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

‎އަދީބު ބުނެފައިވަނީ އޭނާ ފިލަން މަސައްކަތްކުރީ އެމްއެމްޕީއާރުސީ މައްސަލާގެ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރަމުން ދާތީވެ، ނުފޫޒުގަދަ ފަރާތްތަކަކުން އޭނާ އަށް އިންޒާރުދީ ބިރުދައްކަމުންދާތީ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އަދީބު ކޯޓުގައި ވެސް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

‎އަދީބު މިހާރު ހުންނަވަނީ ޓެގު އެޅުވުމަށްފަހު ގޭ ބަންދުގައެވެ