Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އެހެން ޕާޓީތަކަށް މެންބަރުން އިތުރުކުރާއިރު ޔާމީންގެ ނަން ނުގަތުމަށް އެދިއްޖެ

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީން ވާހަކަފުޅުދައްކަވަނީ -- ޔާމީން ވިދާޅުަވަނީ އެސްއޯއެފް ކިޔާ ކުންފުންޏެއް ނުދަންނަ ކަމަށް: ފޮޓޯ / ޕީއެސްއެމް ނިއުސް

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ވަކިވެގެން އެހެން ޕާޓީތަކަށް ސޮއި ކުރައްވާފައިވާ ފަރާތްތަކުން އެޕާޓީތަކަށް މެންބަރުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅު ނުގެންނެވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެދިއްޖެއެވެ.

އެކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީގެ ގޮފިތަކުގެ ވެރިންނާއި ގުޅުއްވުމަށްފަހު އެހެން ޕާޓީތަކާއި ގުޅިގެން އުޅެނީ ރައީސް ޔާމީންގެ ހުއްދައާއި މަޝްވަރާގެ މަތިން ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީއާ އެޕާޓީތަކަކީ ހަމަ އެކައްޗެއް ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

"އެހެން ޕާޓީއަކަށް ވަޑައިގެން ތިއްބަވާފައި މި ވިދާޅުވަނީ ތިމަންނާމެން މި ތިބެނީ ޕީޕީއެމްއާ އެކުގައޭ. ޕީޕީއެމްގެ މެމްބަރުންނަށް ވަރަށް ހެޔޮ އެދިގެންނޭ. ޕީއެންސީ ދެކެ ވަރަށް ލޯބިވެއޭ. މިއީ ހަމަ އެކައްޗެއް ނޫން ހެއްޔޭ. އެހެންވީމަ ތިމަންނާމެން މިއަދު މި އުޅޭ ޕާޓީއާ ގުޅެންވީނޫންހޭ." މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ އެފަދަ ވާހަކަފުޅެއް ޕީޕީއެމް ޕީއެންސީން ވަކިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވެއްޖެ ކަމަށްވާ ނަމަ އެއީ އިތުރުފުޅެއް ކަމަށެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަކިވެގެން ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ ދާދި ފަހުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދުވެސް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ.