މިހާރުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ އިގްތިސާދީ ސިޔާސަތު ބައްޓަން ކުރެއްވިއިރު ދުނިޔޭގެ ބޮޑެތި ބާރުތަކަށް ދައުވަތު ދެއްވި ކަމަށް މާވަށު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ކުރީގެ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު އޭރު އޮތީ މުޅި ދުނިޔެއަށް ހާމަކޮށް ފެންނަން ކަމަށެވެ. އަދި އެމަނިކުފާނުގެ އިގްތިސާދީ ސިޔާސަތަށް ދުނިޔޭގެ ބޮޑެތި ބާރުތަކަށް ދައުވަތު ދެވިގެން ދިޔަ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
Raees Yameen ge igthisaadhee siyaasathu battan kurevvumugai Dhuniyeyge baaruveri bodethi baazaaru thakah dhauvathu dhevvai, ikhthiraam aai haamakan bodugothehgai masakkaiy kurevunu. Nafurathaai baibai kurumah eyruves masakkaiy kuree hama miadhuge sarukaaru. pic.twitter.com/VjsXHzeQkK
— Mohamed Saeed (@em_saeed) September 18, 2019
އިތުރަށް މި ވާހަކަތައް ތަފްސީލް ކޮށްދެއްވާ "އައްޑޫލައިވް"އަށް ސައީދު މިއަދު ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރެއްވީ ދުނިޔޭގެ ބޮޑެތި ބާރުތަކާއި އެކުގައި ކަމަށެވެ. މި ސަރުކާރުގެ ބައެއް ވެރިން ޗައިނާއަށް ފާޑު ވިދާޅުވަމުން ގެންދަވާތީ ސައީދު ވިދާޅުވީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު ހާމަ ކުރީ ހަމައެކަނި ޗައިނާއާ އެކުގައި ނޫން ކަމަށެވެ. ނަމަވެސް އެހެން ގައުމުތަކުން ރާއްޖެއަކީ ކުޑަ ގައުމަކަށްވުމުން އިންވެސްޓު ކުރުމަށް ޖެހިލުންވީ ކަމަށް ސައީދު ވިދާޅުވިއެވެ.
"ނަމަވެސް އަޅުގަނޑުމެންގެ އަތުގައި ހިފީ ޗައިނާއިން. ޗައިނާއިން ބުނީ ތިމަންނާ މެންނަކަށް ކުޑަ ގައުމެއް ބޮޑު ގައުމެއް ނޯންނާނެއޭ. ތިމަންނާމެން ރާއްޖެ ތަރައްގީ ކުރުމަށްޓަކައި އެހީ ވާނަމޭ. އަޅުގަނޑުމެން މަސައްކަތް ކުރިން ދެއްތޯ އިންވެސްޓަރސް ފޯރަމެއް ބާއްވައިގެން އިންވެސްޓަރުން ހޯދަން ރާއްޖެއަށް. އެމެރިކާ ޔޫކޭ ދެއްލީ މިހެން ކިޔާނެ ކަމެއް ނެތް ހަމަ ވަރަށް ގިނަ ގައުމުތަކާއި އެކު މަޝްވަރާތައް ކުރިން،" އޭރުގެ އިގްތިސާދީ ވަޒީރު ވިދާޅުވިއެވެ.
"ނަމަވެސް އަޅުގަނޑު ދަންނަވާފާނަން އެއްވާހަކަ. މިދެންނެވި ގައުމުތަކުގެ ގާތުގައިވެސް އަޅުގަނޑުމެން ބުނީ އަޅުގަނޑުމެން މިއުޅެނީ އިކޮނޮމިކް ޓްރާންސްފޮމޭޝަންގައި ބޮޑު ސްޓެޕެއް ނަގަން ވެގެންނޭ. އެބޭފުޅުންނަށް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ވާހަކަތައް މި ދައްކަނީ، ޗައިނާއިން ވީ ވަރަށް އެހީ ނުވި ކަމުގައިވިއަސް އެބޭފުޅުންނަށް އަޅުގަނޑުމެންގެ އެވާހަކަތައް ވަރަށް ކަމުދިޔަ، ބަލައިގަން،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިއަދު ޗައިނާއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަޑައިގެންނެވިއިރު އެގައުމުން ޝާހިދަށް ކީ މަރުހަބާއިން އެކަނިވެސް ދެގައުމުގެ ދެމެދު އޮތް ގުޅުން ވަރަށް ރަނގަޅަށް ސިފަވެގެން ދާނެ ކަމަށެވެ. އޭރު އިދިކޮޅުގައި ތިިބެގެން ޗައިނާއަަށް އެތައް ގޮތަކުން ފާޑު ވިދާޅުވަމުން ގެންދެވި ކަމަށާއި ނަމަވެސް މިއަދު ޗައިނާއަށް ފޮރިން މިނިސްޓަރު ވަޑައިގަތުމުން ސިފަވަނީ "އުނބަށް" ޖެހުން ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ ޗައިނާ ފަދަ އިގްތިސާދީ ބޮޑު ގައުމެއްގެ އެހީތައް ރާއްޖެއަށް ލިބިގެން ކަމަށެވެ. އަދި އެއީ ގައުމު ދަރަނިވެރިވުމެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.
ޗައިނާއަށް ފޮރިން މިނިސްޓަރު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކުގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވާ ވަނީ ރާއްޖެއަށް އިތުރު އެހީތެރިކަން ދިނުމަށް އެދިފައެވެ. މިކަމާއި ގުޅޭ ގޮތުން ސައީދު ވިދާޅުވީ އޭރު ރައީސް ޔާމީންގެ ސަރުކާރުން އޭއައިއައިބީގެ ފައުންޑިން މެންބަރަކަށް ރާއްޖެ ހެދުމުން މިހާރުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދާއި ސަރުކާރުގެ އިސް ބޭފުޅުން ޖެއްސެވީ ޖޯކު ކަމަށެެވެ.
"މިއަދު ހަމަ އެބޭންކަށް ސަލާން ޖަހަން ދިއުމުން މި ސަރުކާރުގެ އެއްވެސް އަމާޒެއް ނެތްކަން އެބަ ހާމަވޭ. ކޮބައިތޯ ރެކޯޑު އަދަދަކަށް ފޮރިން މިނިސްޓަރު ހޯއްދެއްވި ހިލޭ އެހީތައް،" ސައީދު ސުވާލު ކުރެއްވިއެވެ.
އޭއައިއައިބީ އަކީ ޗައިނާއިން އިސް ނަގައިގެން އުފައްދާފައިވާ ބޭންކެކެވެ. އޭއައިއައިބީ އަކީ ގައުމުތަކުގެ މެދުގައި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާ އަދި އެއް ގައުމު އަނެއް ގައުމާ ގުޅުވައިދިނުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ މަލްޓިލެޓަރަލް ޑިވެލޮޕްމެންޓް ބޭންކުތަކަށް އެހީތެރިވުމަށް 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އުފެއްދި ފައިނޭންސިންގް ބޭންކެކެވެ. ފަންސާން ބިލިއަން ޑޮލަރުގެ ކެޕިޓަލަކާ އެކު އޭއައިބީ އިން މަސައްކަތް ފެށިއިރު، ދިވެހިރާއްޖެ އަކީ ބޭންކުގެ ފައުންޑާ މެމްބަރެކެވެ.