ރާއްޖެއާއި ޗައިނާއާއި ދެމެދު އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނެތްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބެއިޖިންގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އެއްވެސްކަހަލަ ނުތަވަސްކަމެއް ނެތްކަމަށާ، ދެޤައުމުގެގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ޗައިނާގެ އިތުރުން ހުރިހާ ޤައުމަކާއެކުވެސް ގުޅިގެން ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށާއި މި ސަރުކާރުގެ ވިސްނުން ހުރީ ވަކި ގައުމެއް އިސް ކޮށްގެން ކުރިއަށް ދިއުން ނޫން ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
މިދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ރާއްޖެއާއި ޗައިނާއާއި ދެމެދު ކުޅިވަރާބެހޭ އެއްބަސްވުމަކާއި، އިޤްތިސާދީ އެއްބާރުލުމާބެހޭ އެއްބަސްވުމެއްގެ އިތުރުން ދެޤައުމުގެ ފޮރިން މިނިސްޓްރީގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ފޮރިން މިނިސްޓަރުކަމާިއ ހަވާލުވުމަށްފަހު ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.