Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ޕޮލިސް ރިފޯމްގެ މަސައްކަތް ބާރަށް ނުދާތީ ކަންބޮޑުވޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ފުލުހުން މުއައްސަސާ އިސްލާހު ކުރުމުގައި ލަސްތަކެއް އުޅޭތީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވެވަޑައިގެންފިއެވެ.

މީގެ ފަނަރަ އަހަރު ކުރިން މާފުށި ޖަލުގައި އީވާން ނަސީމް މަރުވެގެން ދިޔުމާއި އެކަމުގައި ހިނގި ހަމަ ނުޖެހުންތަކާއި ގުޅޭ ގޮތުން ޓްވީޓު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އީވާން މަރުގެ މައްސަލާގައި ގިނަބަޔަކު އޭރުގެ ސަރުކާރާއި ދެކޮޅަށް އަޑުއުފިލި ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޒާހަރާ ކުރި ފަރާތްތަކަށްވެސް އެތައް އަނިޔާތަކެއް ލިބިގެންދިޔަކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެ ހާދިސާއަކީ ރާއްޖޭގެ ޑިމޮކްރަސީގެ ވެސް ފެށުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވީ އޭރުގެ ނޭޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް)ގެ ފުލުހުންގެ ޑިވިޝަނުން ކަމަށެވެ. އަދި މިއަދުވެސް ފެންނަމުން ދަނީ ފުލުހުންގެ މުއައްސަސާ ރިފޯމް ނުވެ އޮތްތަން ކަމަށާއި އެކަމުގައި ފުލުހުން މުއައްސަސާގެ ސްޕީޑު ލަސް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އީވާން ނަސީމް މަރުވިއިރު އޭނާގެ އުމުރަކީ 19 އަހަރެވެ. މިފަހަކަށް އައިސް ރައީސް ނަޝީދު އަންނަނީ ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ވަކިން ހާއްސަކޮށް ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުންގެ މުއައްސަސާއަށާއި އެކަމުގައި ޝާމިލުވި ފަރާތްތަކަށް ނަޝީދު އަންނަނީ ފާޑު ވިދާޅުވަމުންނެވެ.