މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ޗައިނާގެ ނައިބު ރައީސް ވަންގް ގިޝާންއާއި މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.
ބެއިޖިންގެ ޒިގުއަން ޕެވީލިއަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ނައިބު ރައީސްއާއި މިނިސްޓަރ ޝާހިދު ވަނީ ދެޤައުމުގެ ގުޅުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ޗައިނާއަށް އައިސްފައިވާ އިޤްތިޞާދީ އަދި އިޖްތިމާއީ ތަރައްޤީއަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ޗައިނާ ސަރުކާރަށް މަރުޙަބާ ދެންނެވިއެވެ. އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތުގައި މަރުޙަބާ ވިދާޅުވެ، "ވަން ޗައިނާ ޕޮލިސީ" ދިވެހި ސަރުކާރުން ހިފަހައްޓާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ތަރައްޤީގައި ޗައިނާއަކީ މުހިއްމު ބައިވެރިއެއްކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
ޗައިނާގެ ނައިބު ރައީސްގެ ވާހަކަފުޅުގައި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ރާއްޖެއަކީ މުހިއްމު ޤައުމެއްކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން އިތުރަށް މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ޗައިނާއަށް ވަޑައިގެންފައި މިވަނީ ރަަސްމީ ދަތުރުފުޅެއްގައެވެ.