Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އިންކަމް ޓެކްސްގެ ބިލު މަޖިލީހަށް ފޮނުވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

އިންކަމް ޓެކްސްއާ ގުޅޭ ބިލު ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރު ފޮނުވަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ މަޖިލީހުގެ ދެވަނަ ދައުރު އިންކަމް ޓެކްސްއާ ގުޅޭ ބިލު މަޖިލީހަށް ހުށަހަޅައި، ހަމަ އެ ދައުރުގައި ބިލުގެ މަސައްކަތް ނިންމާނެ ކަމަށެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އެ މަސް ނިމުމުގެ ކުރިން މަޖިލީހަށް އިންކަމް ޓެކްސްގެ ބިލު ފޮނުވާނެ ކަމަށް މާކުރިން ވިދާޅުވެފައެވެ. ނަމަވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތް ނިމުނުއިރުވެސް އެ ބިލު މަޖިލީހަކަށް ނުފޮނުވެއެވެ.

އިންކަމް ޓެކްސް ނަގަން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

އެގޮތުން އިންކަމް ޓެކްސްގެ ބިލު މިއަހަރުތެރޭ ފާސްވުމުން އަންނަ އަހަރު އެ ޓެކްސް ނަގަން ފަށާނެ ކަމަށް ރައީސް ސޯލިހު ވަނީ މިދިޔަ ފެބްރުއަރީ މަހު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.