Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ސީރިޔާގައި ތިބި ދިވެހިން ދެމަސްތެރޭ ރާއްޖެ ގެންނަނީ

ސިރިޔާގައި ތިބި ރެފިއުޖީ ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ކުރިއަށް އޮތް ދެމަހެއްހާއި ދުވަސް ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސިރިޔާގައި ތިބި ރެފިއުޖީ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތަށް ރާއްޖެއިން ބޭރު ގައުމެއްގެ އެކްސްޕާޓެއް ރާއްޖެ ވަރަށް އަވަހަށް އަންނާނެ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ސިރިޔާގައި ތިބި ރެފިއުޖީ ދިވެހިން ރާއްޖެ ގެނައުމުގެ ކުރިން މިހާރު ތިބި ތަން ނޫން އެހެން ތަނަކަށް ދިވެހިންތައް ސަރުކާރުން ބަދަލު ކުރާނެ ކަމަށެވެ.

"ހަމައެއާއި އެކީގައި އެމީހުން ގެނެސް ވަގުތީ ގޮތުން އެމީހުން ބަހައްޓާނެ ތަނެއްގެ މަސައްކަތް އަޅުގަނޑުމެން ފަށައިފިން. އަޅުގަނޑުމެން އަމާޒު ކޮށްގެން މިތިބީ ކުރިއަށް އޮތް ދެމަސް ތެރޭގައި އެތަން ނިންމާ އެމީހުން ގެނައުމުގެ މަސައްކަތް ކުރަން، އޭގެ ކުރިން ސީރިޔާގެ ކޭމްޕުތަކުގައި ތިބި ދިވެހިން އެތަނުން ނެރޭނަން. އެތަނުން ނެރެ އެހެން ގައުމަށް ގެންގޮސް ރާއްޖޭގެ މި ދަންނަވާ ސެޓަޕް ހަދާ ނިމުނީމަ އެމީހުން ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އޭގެތެރޭގައި ތިބި ބައެއް ކުދިންނަކީ ކޮން ގައުމެއްގެ ބައެއްކަން ދެނެގަންނަން ޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތައް ހަމަ ގެނެސް މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ގެނެސް މުޖުތަމައުއަށް ގެނައުމުގެ ކުރިން އަހުލުވެރި ކުރުވާ ދޭންޖެހޭ ފަރުވާ ދޭން އެބަޖެހޭ. އެ މަސައްކަތާއި އެކީގައި އެންމެ ލަސްވެގެން ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އަޅުގަނޑު މި ބަލަނީ ރާއްޖެއަށް އަންނަން ބޭނުންވާ އޭގެތެރެއިން ދިވެހިން [ސިރިޔާގައި ތިބި ރެފިއުޖީ ދިވެހިން] ގެނެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ކައުންޓާ ޓެރަރިޒަމް ސެންޓަރުން ވެސް މީގެ ކުރިން ބުނެފައި ވަނީ ސީރިޔާއަށް ދިޔަ ބައެއް ދިވެހިން ހާލުގައި ޖެހި އަނބުރާ ރާއްޖެ އަންނަން އެދެމުން އަންނަ ކަމަށެވެ.