Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

މައުމޫންގެ މައްސަލަ ނުބަލާން ނިންމުމުން، ހެއްކާއި އެކު އަލުން މައްސަލަ ހުށަހަޅައިފި

މައުމޫން އަދި ޖާބިރު

ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނެންގެވި ކަމަށްބުނާ 29 މިލިއަން ރުފިޔާއަށް ރައީސް މައުމޫން ހިޔާނާތްތެރިވި ކަމަށްބުނެ ޖާބިރު ފުލުހުންނަށް ހުށަހެޅި މައްސަލަ ނުބަލާން ނިންމުމުން އަނެއްކާވެސް އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

ޖާބިރަށް ފުލުހުން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެ މައްސަލަ ނުބަލާން ނިންމީ ހެކި ހުށަހަޅާފައި ނެތުމުން ކަމަށެވެ. އެހެންކަމުން ޖާބިރު މިފަހަރު އަލުން މައްސަލަ ހުށަހެޅީ ހެއްކާއިވެސް އެކުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ޖާބިރު މީގެކުރިން ފޮނުއްވެވި ސިޓީއެއްގައި ވަނީ އެ ރުފިޔާ މައުމޫން ހޯއްދަވާފައި ވަނީ މަކަރާއި ހީލަތުން ކަމަށެވެ. އަދި އެ ފައިސާ ނެންގެވުމަށްފަހު ޖާބިރު އަތުން އެއްވެސް ފައިސާ ނުނަންގަވާ ކަމަށް ވިިދާޅުވެ އިތުރުފުޅުއް ހައްދަވާފައިވާ ކަމަށްވެސް ޖާބިރު ސީޕީ ހަމީދަށް ފޮނުއްވި ސިޓީގައިވެއެވެ.

އެހެންކަމުން މި މައްސަލާގައި މައުމޫން ފުލުސް އޮފީހަށް ހާޒިރު ކުރައްވާ މައްސަލާގައި ފުރިހަމަ ތަހުގީގެއް އަވަސް މުއްދަތެއްގެ ތެރޭގައި ކުރެއްވުމަށް ޖާބިރު ވަނީ އެދިވަޑައިގެންފައެވެ. ޖާބިރު ވަނީ ތަހުގީގު ކުރިއަށްދާ މިންވަރަކުން ހެކިވެސް ހުށަހަޅަމުން ގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ގާތްވެފައި ވަނިކޮށް ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ކެމްޕޭނަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވާފައިވާ ކަމަށެވެ.

ޖާބިރުގެ ވާހަކަތަކަށް ރައްދު ދެއްވައި މައުމޫން އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމާއި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި މައުމޫން ރިފޯމް މޫވްމެންޓްގެ ހީވާގި ޓީމަށް، އަބްދުﷲ ޖާބިރު އެއްވެސް ފައިސާއެއް ދީފައިނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.